ENGLISH

29 ޑިސެމްބަރު 2025

Advertisement

ދައުލަތުގައި ތިބި 110 ކުއްޖަކު އާއިލާތަކާ ޙަވާލުކޮށްފި، ވަޒީރު އެދިވަޑައިގަތީ އެ ޕްރޮގްރާމްގައި ގިނަ ބަޔަކު ބައިވެރިވުމަށް

29 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

އިޖުތިމާޢީ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް. ދައުލަތުގައި ބެލެހެއްޓި 110 ކުއްޖަކު އާއިލާތަކާ ވަނީ ޙަވާލުކޮށްފަ. ފޮޓޯ: އިޖުތިމާޢީ ވުޒާރާ

ސަރުކާރުން ފެށި 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމްގެ ދަށުން 2023 ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 110 ކުއްޖަކު އާއިލާތަކާ ޙަވާލުކޮށްފައިވާކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ދައުލަތުގައި ކުދިން ބަލަހައްޓާއިރު އެންމެ "ހިތްގައިމުކޮށް" ކުރެވޭ ކަމަކީ "ފޮސްޓަރިން" ނުވަތަ އަމިއްލައަށް އާއިލާތަކުން ކުދިން ބަލަހައްޓަން ޤަބޫލުވެ އާދަޔާހިލާފަށް ރަނގަޅަށް އެކުދިން ބެލެހެއްޓުން ކަމަށެވެ. 

"ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް އެއީ ކޮންމެ ކުއްޖަކަށް އާއިލާއެއް. އެ ޕްރޮޖެކްޓުގެ ދަށުން އިރާދަކުރެއްވިއްޔާ 2023 ގެ ނޮވެމްބަރުން ފަށައިގެން މިހާހިސާބަށް 110 ކުދިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އަނބުރާ އެކުދިންގެ އާއިލާއަށް އެހެންނޫނީޔާ އާ އާއިލާތަކާ ޙަވާލުކުރެވިގެން ވަރަށް ރަނގަޅަށް އެބައި ހިނގާ" - ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

ވަޒީރު ވިދާޅުވީ ވީހާވެސް ގިނަ ބަޔަކު ޕްރޮގްރާމްގައި ބައިވެރިވެ އެ ވުޒާރާއާ ގުޅިގެން މަސައްކަތްކުރަން އެދޭ ކަމަށެވެ. އަދި ދައުލަތުގައި ހުރި ކުއްޖަކު ބަލަހައްޓަން ބޭނުންވާ ފަރާތެއް ހުރިނަމަ، އެ ވުޒާރާއާ ގުޅައިގެން ކުރިއަށްދިއުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވައިފައެވެ. 

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން ބަލަހައްޓަނީ މާލެ ސަރަޙައްދުގައި ޤާއިމުކޮށްފައިވާ މަރުކަޒުތަކާއި އަތޮޅުތެރޭގައި ހުންނަ އަމާންވެށިތަކުގައެވެ. އެގޮތުން، ދައުލަތުގައި ތިބި ކުދިންގެ ތެރެއިން މިއަހަރުތެރޭ 23 ކުއްޖަކު އިންޓާންޝިޕަށް ފޮނުވައި 40 އަށް ވުރެ ގިނަ ކުދިންނަށް ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

ސަރުކާރުން ކުރިއަށްގެންދިޔަ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތް) ގެ ފުރަތަމަ ބުރުގައި ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކުދިންނާއި، އެ ވުޒާރާއިން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ކޭސްތަކުގައި ހިމެނޭ ކުދިން ބައިވެރިވިކަން ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ފާހަގަކުރެއްވިއެވެ. އެގޮތުން އެކުދިން ނޭޝަނަލް ސަރވިސް ޕްރޮގްރާމް ފުރިހަމަކުރުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު