ENGLISH

28 ޑިސެމްބަރު 2025

Advertisement

ސަރުކާރުގެ ސިޔާސަތު ސާފު؛ ގާނޫނު ބަދަލުކޮށްގެންވިޔަސް ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވާނެ

28 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު

ސަރުކާރުގެ ސިޔާސަތަކީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތައް ކުއްޔަށް ދިނުން ހުއްޓުވުންކަމަށާއި އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނާނެކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. 

އެ ވުޒާރާގެ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ.މުއްތަލިބު ވިދާޅުވީ "ހިޔާ" ފުލެޓުތަކުގައި ބިދޭސީންގެ ލޭބާ ކުއާޓާތައް ހަދާފައި ހުރިކަން ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

އަދި ބިދޭސީންނަށް ކުއްޔަަށް ދީފައި ހުރި ފުލެޓުތައް ހުސްކުރަން ސަރުކާރުންވަނީ މުހުލަތެއް ދީފައެވެ. އެގޮތުން އަންނަ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރިން އެގޮތަށް ހުރި ތަންތަން ހުސްކުރަން އެޗްޑީސީންވަނީ އަންގާފައެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ މިގޮތަށް ބިދޭސީ މަސައްކަތްތެރިންނަށް ކުއްޔަށް ދޫކޮށް، ލޭބާ ކުއާޓާތަކުގެ ގޮތުގައި ބޭނުންކުރަމުން އަންނަ ތަންތަން ހުސްކުރުމަށް އެންގި އެންގުމެކެވެ. އަދި އެ ފިޔަވަޅަކީ އިޖުތިމާއީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ހައުސިން ޔުނިޓުތައް ކުއްޔަަށް ދޫކުރުން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އަޅާ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގައި އެތަންތަން ކުއްޔަށް ދިނުން މަނާކުރާ އެއްވެސް މާއްދާއެއް ހިމަނާފައިނުވެއެވެ. ނަތީޖާއެއްގެ ގޮތުން އެތަންތަން ކުއްޔަށް ދޫކުރުމަކީ އެއްބަސްވުމާ ހިލާފު އަމަލަކަށްނުވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހިޔާ ފުލެޓުތައް ކުއްޔަށް ދޫކުރުން ހުއްޓުވޭނީ ގާނޫނަަށް ބަދަލުތަކެއް ގެނެވިގެންނެވެ. 

"އެހެންވީމާ އަޅުގަނޑުމެންނަށް މިޖެހެނީ ގާނޫނަށް ބަދަލުގެންނަން، ސޯޝަލް ހައުސިން ކުއްޔަށް ދިނުމަކީ މަނާކަމެކޭ. އެހެންވެ އެ މަސައްކަތް ކުރިއަށް އެބަދޭ، ހައުސިން ބިލު ފާސްވެގެން އަންނައިރު ސޯޝަލް ހައުސިންގެ ގޮތުގައި ދޫކޮށްފައި ހުރި އެއްވެސް ތަނެއް ކުއްޔަށް ދިނުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުގެ ޑިޓަމައިންޑް ސިޔާސަތަކީ ހަމަ ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް އެތަންތަން ކުއްޔަށް ދިނުން ހުއްޓުވުމޭ،" 

ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަނުގައި ގަދައަށް ކެއްކުން ފަދަ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ އެހެން މީހުންނަށް އުދަގޫވާ ކަންކަން ކުރަމުންދާކަންވެސް ފާހަގަކުރެއްވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އެފަދަ މީހުން ތިބޭ ތަންތަން ހުސްކުރަން މުއްދަތެއް ދީ އެ މުއްދަތުގައި ހުސްނުކޮށްފިނަމަ ތަންތަން އަތުލާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު