ENGLISH
28 ޑިސެމްބަރު 2025
ރައީސްގެ ނިންމެވުމާއެކު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ލިބޭނެ: ވަޒީރު
28 ޑިސެމްބަރު 2025
|
ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ކުރިޔަށް އޮތް ދެ އަަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ލިބިގެންދާނެކަމަށް ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވުޒާރާގެ ވަޒީރު، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"އެކްސް" ގައި ވަޒީރު މިއަދު ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުއްވުމަށް ރައީސް ދެއްވާ އިސްކަމުގެ ތެރެއިން 2026 އަދި 2027 ވަނަ އަހަރަކީ ކުދި ވިޔަފާރިތަކަށް މުޅިސަރުކާރުން ޚާއްޞަ ލުއިތަކެއް ލިބޭނެ ދެ އަހަރަށް ވާނެ ކަމަށެވެ. މި ނިންމެވުމުގެ ސަބަބުން ކުދި ވިޔަފާރިތަކާއި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށް ވެސް ބޮޑު ފަސޭހަތަކަކާއެކު ހިތްހަމަޖެހުން ލިބިގެންދާނެކަން ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
ވިޔަފާރިއާއި އިގުތިސާދީ ދާއިރާއިން ފާއިތުވި މުއްދަތުގައި ކުރެވުނު މަސައްކަތްތަކާއި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް ވަޒީރު މުހައްމަދު ސައީދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
"" ކެބިނެޓުގެ ނިންމެވުމެއްގެ ގޮތުގައި ވަޒީރުންގެ މަޖިލީހުގައި ރައީސް މަޝްވަރާކުރައްވައި، ސްޓާޓްއަޕްސްއަށް އަދި ކުދި ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދޭނެ ދެ އަހަރުގެ ގޮތުގައި ކުރިއަށް އޮތް ދެ އަހަރު ކަނޑައަޅާފައިވޭ. އޭގެ ތެރޭގައި ވިޔަފާރިވެރިން ރައީސްގެ އަރިހުގައި ފާހަގަކުރި ކަންބޮޑުވުންކާއި އޭގެ އިތުރަށްވެސް ބައެއް ކަންކަން ހިމެނިގެންދާނެ"" - ވިޔަފާރިއާއި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
ވަޒީރު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ބައްދަލުކުރައްވައި، ރައީސް ޑރ. މުޢިއްޒު އެ ވިޔަފާރިތަކުގެ ކަންބޮޑުވުން އޮޅުންފިލުއްވާފައިވާ ކަމަށެވެ. އަދި އެކަންބޮޑުވުންތަކާ ގުޅިގެން ވަގުތުން ހައްލުކޮށްދެއްވެން ހުރި ކަންކަން ބައްލަވައި ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާއެކު އެ މައްސަލަތައް ހައްލުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށެވެ. އެގޮތުން އެއިން ބައެއް ކަންކަން މިހާރުވެސް ތަންފީޒުކުރަން ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ގިނަ މައްސަލަތަކެއް ހައްލުކުރެއްވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އޭގެ ތެރޭގައި އެއާޕޯޓުގައި މުދާ ކްލިއާކުރުމުގެ ހިދުމަތް ދޭ ވަގުތު އިތުރުކުރުން ހިމެނެއެވެ.