ENGLISH
28 ޑިސެމްބަރު 2025
ގުޅިފަޅުން 2751 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ރަޖިސްޓްރީތައް ޖަނަވަރީގައި ދޫކުރަނީ
28 ޑިސެމްބަރު 2025
|
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުން ފަސޭހަކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުން
ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ތެރެއިން 2،751 މީހަކަށް ގޯތީގެ ރަޖިސްޓްރީ މިހާތަނަށް ދޫކުރެވިފައިވާ ކަމަށާއި، ހުޅުމާލޭ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށޭނެކަމަށް އިމާރާތްކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްްޖެއެވެ.
އެ ވުޒާރާއިން ކުރަމުންދާ މަސައްކަަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ދެއްވުމަށް މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއްތަލިބުވަނީ ކުރީ ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް މިހާތަނަށް ކުރިއަށްގޮސްފައިވާ މިންވަރުގެ ތަފުސީލު މައުލޫމާތު ހިއްސާކުރައްވާފައެވެ.
ހުޅުމާލެއިން ދޫކުރި ގޯތިތައް
އެގޮތުން އެ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރި 709 ގޯތީގެ ތެރެއިން 699 ގޯތި ހަވާލުކުރެވިފައިވާކަމަށާއި، ހުޅުމާލޭ ތިންވަނަ ފިޔަވަހިން ދޫކުރާ 698 ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާފައިވާއިރު، ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ޑިސެންބަރު 20، 2025 ވަނަ ދުވަހު އަލުން ގުރުއަތު ނަގައި އެ ފަރާތްތަކަށް ގޯތި ލިބޭނެ ތަންތަން މިހާރު ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރާނީ ކޮން ތަނަކުންކަން ކަނޑައަޅާފައިވާއިރު، އެ ސަރަހައްދުގެ ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވަމުން ޑރ.މުއްތަލިބު ވިދާޅުވީ އެތަނުގައި ހިއްކާ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
"މިހާރު ޕްލޭންކުރެވިފައިވާ ގޮތުން ޖަނަވަރީ 20، 2026 އަށް މުޅި މަސައްކަތް ނިންމައިލެވޭނެ. އެއާއެކީ ރަޖިސްޓްރީ ހެދުމުގެ މަސައްކަތްވެސް މި ޖަނަވަރީ މަހުގައި ފަށައިގެން ކުރިއަށްގެންދާނަން،" ރަޖިސްޓްރީ ދޫކުރުމާއެކު އިންވަކިކުރެވޭ މިންވަރަކުން ގޯތި ހަވާލުކުރައްވަމުން ގެންދަވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.
ގުޅިފަޅުން ދޫކުރި ގޯތިތައް
ގުޅިފަޅަށް ބަލާއިރު ވިޔަފާރި ބަނދަރުން ގުޅިފަޅުން ތިލަފުއްޓަށް ބަދަލުކުރަން ނިންމުމާ ގުޅިގެން ސަލާމަތްކުރެވުނު ޖާގަ ހިއްކައި އެ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނަށް އިތުރުކުރުމާއެކު 3،520 ގޯތި ގުޅިފަޅުން ދޫކުރަން ނިންމައި ގުރުއަތު ނަގައި ގޯތި ލިބޭނެ ތަންތަންވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ދޫކޮށްފައި އޮތް 1114 ގޯތިވެސް ހިމެނެއެވެ.
މިހާތނަށް ގުޅީފަޅުން ގޯތި ލިބުނު 2،751 ފަރާތަކަށް ގުޅިފަޅުން ގޯތި ދޫކޮށް ރަޖިސްޓްރީވަނީ ހަވާލުކޮށްފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ބާކީ ތިބި މީހުންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަންނަނީ ހަލުއި ދުވެލީގައި ކުރެވެމުންނެވެ.
އޭގެ އިތުރަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ހަލުއިކުރުމުގެ ގޮތުން ގުޅިފަޅަށް ބަހެއް ގެންދިއުމުގެ މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެބަސް ގެންދެވުމާއެކު މިހާރަށްވުރެ ހަލުއިކޮށް ގޯތި ލިބުނު ފަރާތްތަކަށް ގޯތި ހަވާލުކުރުން ކުރިއަށްދާނެއެވެ.
ގިރާވަރުފަޅުން ދޫކުރި ގޯތިތައް
ގިރާވަރުފަޅުގެ ބިން ހިއްކުން ފެށުމަށްފަހު މަޑުޖެހިފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ޑރ.މުއްތަލިބު ވިދާޅުވީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ޖަނަވަރީ މަހުގައި ނިމުމުން ހަމަ އެ މަހުގައި ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
ގިރާވަރުފަޅުގައި ހިއްކާ 176 ހެކްޓަރުން 5،186 ގޯތި ދޫކުރަން ކުރީ ސަރުކާރުން ނިންމާފައި އޮތް ނަމަވެސް ބިމުގެ ޖާގައަށް ބަލާއިރު އެހައި ގިނަ ގޯތި އެތަނުން ދޫކުރުމުން އެއީ މީހުން ދިރިއުޅެން އެކަށީގެންވާ މާހައުލެއް އޮންނަ ތަނަކަށްނުވާނެތީ އެތަނުން 1114 ގޯތި ގުޅިފަޅަށް ބަދަލުކޮށް ބާކީ 4072 ގޯތި ނަގައިދެވޭ ގޮތަށް ލޭންޑް ޔޫސް ޕްލޭން އެކުލަވައިލާ ގެޒެޓުގައި ޝާއިއުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ލޭންޑް ޔޫސް ޕްލޭން ގެޒެޓުގައި ޝާއިއުކުރެވުމާއެކު، ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި، ބިން ހިއްކައި ނިންމޭ މިންވަރަކުން ރަޖިސްޓްރީ ދޫކުރަން ފަށާނެ ކަމަށެވެ.