ENGLISH

28 ޑިސެމްބަރު 2025

Advertisement

ކުރިއަށް އޮތް އަހަރު ނިމޭއިރު މާލޭ ސަރަހައްދުގައި ބާ އެއްވެސް މިސްކިތެއް ނުހުންނާނެ: ޑރ.ޝަހީމް

28 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު

ކުރިއަށް އޮތް އަހަރު ނިމޭއިރު މާލޭ ސަރަހައްދުގައި ބައު އެއްވެސް މިސްކިތެއް ނުހުންނާނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގުރާމަށް ދެއްވި ބަސްދީގަތުމެއްގަައި މިނިސްޓަރު ވިދާޅުވީ މިވަގުތު މިނިސްޓްރީން އެއް ބިލިއަން ރުފިޔާއަށްވުރެ އަގު ބޮޑު 70 އެތައް މަޝްރޫއެއް ހިންގަމުންދާއިރު، އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަސައްކަތް ކަމަށެވެ. 

އެގޮތުން ކުރީ ސަރުކާރުން ފެށުމަށްފަހު ކުރިއަށްނުގެންދެވި މަޑުޖެހިފައި ހުރި މަސައްކަަތްތައްވެސް ހަލުއިކަމާއެކު ކުރިއަށްގެންދަވައި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވަމުން ޑރ.ޝަހީމު ވިދާޅުވީ ދިއްދޫ އިސްލާމީ މަރުކަޒަކީ ބަޖެޓުގައި ނުވެސްނެތީސް ރިޔާސީ އިންތިހާބަކަށް މަސް ދުވަހަށްވެފައިވަނިކޮށް އެއިރުގެ ސަރުކާރުން ފެށި މަސައްކަތެއް ކަމަށެވެ. ނަމަވެސް ރައީސް ޑރ.މުޢިއްޒު އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއްދެއްވައި ފައިސާ ހަމަޖައްސައިދެއްވައި މަސައްކަތްކުރެވޭނެ މަގުފަހިކުރައްވައިގެން މިހާރު އެ މަސައްކަތް ނިންމައި އެ އިސްލާމީ މަރުކަޒު ހުޅުވިފައިވާކަން ފާހަގަކުރެއްވިއެވެ. 

މާލޭ ސަރަހައްދުގައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ކުރިއަށް އޮތް އަހަރު ނިމޭއިރު މާލޭ ސަރަހައްދުގައި ބައު އެއްވެސް މިސްކިތެއް ނުހުންނާނެ ކަމަށެވެ. 

"މާލޭ އޭރިއާގައި މާތްﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރު ތެރޭގައި ބާ އެއްވެސް މިސްކިތެއް ނުހުންނާނެ. އަޅުގަނޑުމެން އެހުރީ ސްޕޮންސާ ހޯދައިގެން ޕްރޮޖެކްޓްސް ފަށާފައި،" ޑރ.ޝަހީމު ވިދާޅުވިއެވެ. 

އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ބޮޑުގަލު މިސްކިތް ހުރި ތަނުގައި ތިން ބުރީގެ މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، ވިލިމާލޭގައި މީހުން ދިރިއުޅެން ފެށީއްސުރެ އެ އަވަށުގައި ހުރި ބާ މިސްކިތް އެޅުމަށްވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމށް މިނިސްޓަރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ހުޅުމާލޭގައިވެސް ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ފަސް މިސްކިތް ހުޅުވޭނެއެވެ. އެއީ 1،500 މީހުންނާއި 3،000 އާ ދެތެރޭގެ އަދަދަށް މީހުންނަށް ނަމާދުކުރެވޭވަރުގެ ޖާގައިގެ ތަނަވަސްކަން ހުރި މިސްކިތްތައް ކަމުގައި ވަޒީރު ވިދާޅުވިއެވެ. 

އަންނަ އަހަރަކީ ރާއްޖެ އިސްލާމްވުމަށް 900 އަހަރު ފުރޭ އަހަރަށްވާތީ އެ ތާރީހީ މުނާސަބަތާ ދިމާކޮށް ހުޅުމާލޭގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމުގެ މަޝްރޫއު ފެށުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަން ވަޒީރު ހާމަކުރެއްވިއެވެ. 

ކުރީގެ އެއްވެސް ސަރުކާރެއްގައި ދެ އަހަރު ތެރޭ ނުފެށޭ އަދަދަށް މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ މަސައްކަތްތައް މިސަރުކާރުން ފަށާފައިވާކަމަށާއި، އެ މަސައްކަތްތައް ނިމުމުން އިސްލާމީ ހިދުމަތްތަކުގެ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމުގައި ޑރ.ޝަހީމު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު