ENGLISH

28 ޑިސެމްބަރު 2025

Advertisement

ބިން ހިއްކުމުގެ ދުވެލި ހަލުއިކޮށްފި؛ ހުޅުމާލޭ ތިންވަނަ ފިޔަވަހިން 47 ހެކްޓަރު ހިއްކައިފި

28 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ، ފޮޓޯ: އެމްއޭސީއެލް

ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ގޮތުން ހިއްކަމުންދާ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލި ވަރަށް ބޮޑަށް ހަލުއިކޮށް، މިހާތަނަށް އެ މަޝްރޫއުގެ ދަށުން ހިއްކަންޖެހޭ ބިމުގެ 74 އިންސައަށްވުރެ ބޮޑު ބައި ނިމިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. 

އެމްއޭސީއެލްއިން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ 63 ހެކްޓަރުގެ ބިމެވެ. އެ މަސައްކަތުގެ ދުވެލި ހަލުއިކުރުމާއެކު މިހާރު އެ ސަރަހައްދުގެ ބޮޑު ބައެއް ހިއްކައި ފަރުކޮޅުފުއްޓާ ގުޅުވާލާފައިވެއެވެ. 

އެ މަސައްކަތް ހަލުއިކުރުމަށް އިތުރު ޑްރެޖަރުތަކެއް ގެނެސްފައިވާއިރު މަސައްކަތް ހުއްޓުމަށްފަހު އަލުން ފެށީ ފާއިތުވި ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. 

އެ މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހާމަކޮށް އެމްއޭސީއެލްއިން ސޯޝަލް މީޑިޔާގައި ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން މިހާތަނަށް އެ ސަރަހައްދުގެ 47 ހެކްޓަރުގެ ބިންވަނީ ހިއްކާފއެވެ. އެއީ ހިއްކަން ކަނޑައެޅި ސަރަހައްދުގެ 74.6 އިންސައްތައެވެ. 

ސަރުކާރުންވަނީ މި މަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕާ ޑްރެޖަރު ގެނެސް ކުރިއްސުރެ އެ މަސައްކަތްކުރަމުން އައި ޑްރެޖަރާއެކު ދެ ޑްރެޖަރު ބިން ހިއްކަން ބޭނުންކުރަން ފަށާފައެވެ. ނަޓިޖާއެއްގެ ގޮތުން އެ މަސައްކަތްވަނީ ވަރަށް ހަލުއިވެފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ ގޮތުން ސަރުކާރުގެ އަމާޒަކީ މި މަހުގެ ނިޔަލަށް ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިންމުމެވެ. ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން އަލަށް ގެނައި ޑްރެޖަރު ބޭނުންކުރާނީ ގިރާވަރުފަޅުގެ ބިން ހިއްކުމަށެވެ. 

ކިޔުންތެރިންގެ ހިޔާލު