ENGLISH
28 ޑިސެމްބަރު 2025
އެސްއެމްއީތަކުގެ ކުރިއެރުމަށް އަޅާ ބައެއް ފިޔަވަޅުތައް ޖަނަވަރީ އެކަކުން ފެށިގެން ތަންފީޒުކުރާނެ: ރައީސް
28 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތައް އަންނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ތަންފީޒުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ޝާއިއިކުރެއްވި ޕޯސްޓެއްގަައި ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާގެ ވިޔަފާރިވެރިންނާއެކު ޑިސެންބަރު 17، 2025 ވަނަ ދުވަހު ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ހިމެނިފައިވާ ކަންކަމާއި، ސަރުކާރުން އެ ދާއިރާ ގުޅޭ ގޮތުން ކުރިއަށްގެންދާ ކަންކަމުގެ ނަތީޖާ ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައި ފާއިތުވި ބުދަދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވި މުހިއްމު ގިނަ ކަންތައްތަކެއް ނިންމަވާފައިވާ ކަމަށެވެ.
ވިޔަފާރިވެރިންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ވިޔަފާރިވެރިންވަނީ ވިޔަފާރިތަކަށް އެކި ދާއިރާތަކުން ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކޮށްފައެވެ. އެއިން ބައެއް ކަންކަމަށް ވަގުތުން ހައްލުތައް ހޯދައިދެއްވުމަށް ރައީސް ނިންމަވައި ކަމާ ގުޅުން ހުރި އިދާރާތަކުން އެކަންކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން އެއާޕޯޓުގެ ކްލިއަރެންސްގެ ވަގުތު އިތުރުކޮށް ޑެމަރޭޖު އަރަން ފަށާ ވަގުތު އިތުރަށް ފަސްކޮށްދީފައިވެއެވެ.
ރައީސްގެ މިއަދުގެ ޕޯސްޓުގައި ވިދާޅުވީ ބުދަދުވަހު ވަޒީރުންގެ މަޖިލީހުން ނިންމެވި އެންމެ މުހިއްމު އެއް ނިންމެވުމަކީ ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ދެ އަރަހުގެ ގޮތުގައި ކަނޑައެޅުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދުވެސްވަނީ ކުރިއަށް އޮތް ދެ އަހަރު އެސްއެމްއީތަކަަށް ހާއްސަ އިނާޔަތްތަކެއް ފޯރުކޮށްދީ އަައު ވިޔަފާރިތައް ނެގެހެއްޓުމަށާއި ފުޅާކުރުމަށް ގިނަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ނިންމާފަައިވާކަން އިއުލާނުކުރައްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް ޖަނަވަރީ އެކެއް 2026 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ. އަދި އެ ފިޔަވަޅުތަކާ ގުޅޭ ތަފުސީލުތައް ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން އިއުލާނުކުރަމުންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ގިނަ ފިޔަވަޅުތަކެއް ތަންފީޒުކުރަން ފަށާއިރު، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮަށް އަަންނަ އަހަރު އެސްއެމްއީތަކަށް 500 މިލިއަން ރުފިޔާގެ ލޯނު ދޫކުރަންވަނީ ނިންމާފައެވެ.