ENGLISH

28 ޑިސެމްބަރު 2025

Advertisement

ގައުމީ ކެޑޭޓް ކޭމްޕް ގިރިފުށީގައި ފަށައިފި

28 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފަންސަވީސްވަނަ ގައުމީ ކެޑޭޓް ކޭމްޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއެންޑީއެފް

ފަންސަވީސްވަނަ ގައުމީ ކެޑޭޓް ކޭމްޕް، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ފަށައިގެން ކުރިއަށްދާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

މި ކޭމްޕް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.

ގައުމީ ދިފާއީ ބާރުން ބުނީ، މި ކެޑޭޓް ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 120 ކެޑޭޓުން ބައިވެރިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 90 ފިރިހެން ކެޑޭޓުންނާއި 30 އަންހެން ކެޑޭޓުން ކަމަށެވެ.

ފަންސަވީސްވަނަ ގައުމީ ކެޑޭޓް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްއެންޑީއެފް

މި ކޭމްޕުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި، ފިޒިކަލް ޓްރެއިނިންގ، ވޯޓަރމަންޝިޕް، ޑްރިލް، ވެޕަން ޓްރެއިނިންގ އެންޑް ޝޫޓްސް، ބޭސިކް ފީލްޑް ކްރާފްޓް، ކޮމްބެޓިވްސް، ލީޑަރޝިޕް، ބޭސިކް ފަޔަރފައިޓިންގ، މެރިޓައިމް ސްޓަޑީޒް، ބޭސިކް ފީލްޑް ފަސްޓްއެއިޑްގެ އިތުރުން ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ ބައިތައް ހިމެނޭ ކަމަށް ގައުމީ ދިފާއީ ބާރުން ވަނީ ބުނެފަ އެވެ.

ގައުމީ ދިފާއީ ބާރުން ބުނީ، މި ކޭމްޕަކީ އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިޔުރިޓީ ސްޓަޑީޒްއިން ރާވާ އިންތިޒާމުކޮށްގެން، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯރގައި ހިމެނޭ ސްކޫލް ކެޑޭޓް ކޯރތަކުން ހޮވާލެވޭ ކެޑޭޓުންނާއި ބޭންޑް ކެޑޭޓުންނަށް ހިންގޭ ކޭމްޕެއް ކަމަށެވެ. އަދި  މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ މުދައްރިބުން ކަމަށް ވެސް ބުންޏެވެ.

މި ކެޑޭޓް ކޭމްޕްގެ މަޤުޞަދަކީ، މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖުތަމަޢަށް ފައިދާހުރި އަދި ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުންކަމަށާއި، އަދި ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަޚުލާޤާއި ރިވެތި ސުލޫކެއްގެވެރި ބަޔެއްގެ ގޮތުގައި ބިނާކޮށް، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް ދިރުވުން ކަމަށް ދިފާއި ބާރުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށްދިނުމާއި ގައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުމުގެ މުހިއްމުކަން ވެސް ހިމެނޭ ކަމަށް އެ ހިދުމަތުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު