ENGLISH
28 ޑިސެމްބަރު 2025
ރާއްޖޭގެ ޒަކާތުގެ ގާނޫނަކީ ވަރަށް ފުރިހަމަ ގާނޫނެއް، ނިޒާމަށް އިތުބާރު އޮތްކަން އަދަދުތަކުން ފެނޭ: ޑރ.ޝަހީމް
28 ޑިސެމްބަރު 2025
|
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު
ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، ފަރުމާކުރެވި މިހާރު އަމަލުކުރަން ފަށާފައިވާ ދިވެހިރާއްޖޭގެ ޒަކާތުގެ ގާނޫނަކީ ދުނިޔޭގައި މިފަދަ ގާނޫނުތައް ހުރި އެހެން ގައުމުތަކާ އަޅާބަލާއިރު ވަރަށް ފުރިހަމަ ގާނޫނެއް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގުރާމަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޑރ.ޝަހީމު ވިދާޅުވީ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ މުހިއްމު ރިޔާސީ ވައުދުފުޅެއްކަމަށާއި، އެކަމަށްޓަކައި ކުރެވުނު އެންމެ މުހިއްމު އެއް މަސައްކަތަކީ ޒަކާތު ހައުސް ގާއިމުކުރެއްވުން ކަމަށެވެ.
އަދި ޒަކާތުގެ ކަންކަން ރަނގަޅު އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށްގެންދާނެ ޒަމާނާ ފައިހަމަކުރާނެ މުއައްސަސާއެއްގެ ގޮތުގައި ރައީސް ޒަކާތު ހައުސް އުފައްދަވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރައްވާފަައިވާ ދިވެހިރާއްޖޭގެ ޒަކާތުގެ ގާނޫނަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި އަމަލުކުރަމުންދާ މިފަދަ ގާނޫނުތަކާ އަޅާބަލާއިރު އެންމެ ފުރިހަމަ ގާނޫނަށްވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ޒަކާތުގެ ގާނޫނު އެހައި ފުރިހަަމަ ގާނޫނަކަށްވަނީ އެ ގާނޫނަކީ ޒަކާތާ ގުޅޭ އިލްމީ ދިރާސާތަކުގެ އަލީގައި، އެންމެ ޒަމާނީ އިދާރީ ހިންގުމުގެ އުސޫލުތައް އޭގައި އެކުލެވޭ ގޮތަށް ފަރުމާކުރެވިފައިވާ މިޒަމާނަށް ފެތޭ ގާނޫނަކަށްވުމެވެ.
"ދިވެހިރާއްޖޭގެ ޒަކާތުގެ ގާނޫނަކީ، މިވަގުތު އިސްލާމީ ދުނިޔޭގައި ހުރި ލީގަލައިޒްކުރެވިފައިވާ ސިސްޓަމްތަކުގެ ތެރެއިން އެންމެ ފުރިހަމަ ނިޒާމު. އެއީ ދިވެހިރާއްޖޭގައި މިއޮތް ޒަކާތުގެ ނިޒާމު ބިނާވެފައި މިއޮތީ އިލްމީ ފިގުހީ ދިރާސާތަކުގެ މައްޗަށް. އަދި އެއާއެކު ޒަމާނީ އުސޫލުތަކާއެކު އިދާރީ ހާއްސަ މުއައްސަސާއެއްގެ ގޮތުގައި ޒަކާތު ހައުސް ގާއިމުވެފައި މިއޮތީ،" ޑރ.ޝަހީމު ވިދާޅުވިއެވެ.
ޝަހީމު އިތުރަށް ވިދާޅުވީ ޒަކާތުގެ ހައުސްއާއެކު ޒަކާތުގެ ނިޒާމަށް އޮތް އިތުބާރު ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި 2024 ވަނަ އަހަރާއި ހިނގަމުންދާ 2025 ވަނަ އަހަރަކީ ރެކޯޑު މިންވަރަކަށް ޒަކާތުގެ ގޮތުގައި ދައުލަތަށް ފައިސާ ލިބުނު ދެ އަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ތާރީހުގައިވެސް (ޒަކާތުގެ ގޮތުގައި) އެންމެ ގިނަ އަދަދަކަށް ފައިސާ ލިބޭ ދެ އަހަރަށް މިދެ އަހަރުވެފައިވަނީ. އޭގެ މާނައަކީ މިނިޒާމަށް ރައްޔިތުން މިހާރު ވަރަށް ބޮޑަށް އިތުބާރުކުރާކަން. އެ އިތުބާރުކުރާތީ އެ ފައިސާ މިތަނަށް ދެނީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުވަނީ ވަރަށް ހަރުދަނާ ނިޒާމުތަކެއްގެ ތެރެއިން ޒަކާތުގެ ފައިސާ އެއްކުރުމާއި އެ ފައިސާ ހަރަދުކުރުމުގެ ކަންކަނަް ހަމަޖެހިފައިވާކަން ފާހަގަކުރެއްވުމާއެކު، ޒަކާތު ހައުސްއަށް ރައްޔިތުން ދޭ ޒަކާތު ފައިސާ އަމާނާތްތެރިކަމާއެކު އޭގެ ހައްގުވެރިންނަށް ރައްދުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަައެވެ.
ޒަކާތު ހައުސް ގާއިމުކުރެވުނުފަހުން ޒަކާތާމެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، މުދަލު ޒަކާތް ނެރޭ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ނިމުނު އަހަރާއި މި އަހަރުވެސް ރެކޯޑު އަދަދަކަށް ޒަކާތުގެ ގޮތުގައި ދައުލަތަށް ފައިސާ ލިބިފައިވެއެވެ.