ENGLISH
27 ޑިސެމްބަރު 2025
ތަރިކައިގެ ދާއިރާގެ މާސްޓާސް ލެވެލްގެ ކޯސްތައް ޖަނަވަރީ މަހު ފަށާނެ: ވަޒީރު
27 ޑިސެމްބަރު 2025
|
ޑިސެމްބަރު 20 ވަނަ ދުވަހު އޮތް ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގައި ވަޒީރު އާދަމް ނަޞީރު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ފަށާފައިފާ މަސައްކަތުގެ ތެރެއިން، މާސްޓާސް ލެވެލްގެ ކޯސްތައް އަންނަ ޖަނަވަރީ މަހު ފެށިގެންދާނެ ކަމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އެ ވުޒާރާގެ އެންމެ ފަހުގެ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ތަރިކައިގެ ދާއިރާއިން މީހުން ބިނާކުރުމަށް 50 ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލިއެވެ. އެ ކޯސް ހިންގާނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގައެވެ. ވަޒީރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ކޯސްތައް ފެށުމުގެ ފަހުގެ ތައްޔާރީތައް ކަމަށެވެ.
ދިވެހި ތަރިކައިގެ ދާއިރާއިން ހިލޭ ދޭ މާސްޓަރސް ފެންވަރުގެ ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް ލިބުނު 40 މީހަކަށް ސްކޮލަރޝިޕް ލިޔުން ޙަވާލުކުރީ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ވަޒީރު އާދަމް ނަސީރު ވިދާޅުވީ، ތަރިކައިގެ ދާއިރާއަށް ޢިލްމީ ނަޒަރަކުން ތަރައްޤީ ގެނެސްދިނުމަށްޓަކައި، ސަރުކާރުން ގެންދަނީ އާ ޓެކްނޮލޮޖީއާ އެކު ކުރިއަށްގެންދިއުމަށް މަސައްކަތްކުރަމުން ކަމަށެވެ. ތަރިކައިގެ ދާއިރާގެ މައިގަނޑު މަސައްކަތްތަކަކީ ޢިލްމީ ގޮތެއްގައި ދާއިރާއަށް ބޭނުންވާ ވިސްނުން އާއްމުކުރުމާއި، ކުރީންސުރެ ދާއިރާ ދެކެމުންއައި ގޮތް އެނޫން ގޮތަކަށް ބަދަލުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ވުޒާރާގެ ބައެއް މަސައްކަތްތަކާއި ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިއަހަރު ތެރޭ ޤައުމިއްޔަތުގެ ޢިލްމީ މަފްހޫމުތައް 3000 އަށް ވުރެ ގިނަ ފަރާތްތަކަށް މިހާތަނަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އަދި، ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ފަރާތުން، ދިވެހި ޤައުމިއްޔަތު ބިނާވާ މައިގަނޑު ހަ ދާއިރާގެ ތެރެއިން ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަރިކައިގެ ދާއިރާއިން ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ތަރިކައިގެ ތަންތަން އިއާދަކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކާއި، ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ތަރިކައިން އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމާއި، ތަރިކަ ޑިޖިޓައިޒް ކުރުމުގެ ސިޔާސަތާ ގުޅުވައިގެން ވެސް މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ނަމޫނާ މަސައްކަތެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، ޣާޒީ ރަދުންގެ އަސަރުތައް ދިރުވާ އާލާކުރުމުގެ މަޝްރޫޢުގެ ދަށުން އުތީމުގައި ކުރިއަށްގެންދާ މަޝްރޫޢުތަކެވެ. ކުރިއަށް އޮތް ތަނުގައި އެފަދަ މުހިއްމު މަޝްރޫޢުތައް އިތުރު ރަށްރަށުގައި ވެސް ކުރިއަށްގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.