ENGLISH
27 ނޮވެމްބަރު 2025
މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ، ހޫނު މަރުޙަބާއެއް
27 ނޮވެމްބަރު 2025
|
މިއަހަރު ރާއްޖެ ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުން. --ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
މި އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެގައުމުގެ ވާޖިން އެޓްލާންޓިކުން ރާއްޖެ އައި މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ ބެތެނީ ސާރާ ކާސްވެލްއެވެ.
ސާރާ ރާއްޖެ ޒިޔާރަތްކުރި މިއީ ފުރަތަމަ ފަހަރެވެ. އޭނާއާއެކު ފިރިމީހާ ވެސް ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. ދެމަފިރިންގެ ހަނީމޫން ދަތުރުގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ އދ. އައުޓްރިގާ މޯލްޑިވްސް މާފުށިވަރު ރިސޯޓުގައެވެ.
އަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްޞަ ހަފްލާއެއް ބާއްވާފައެވެ. ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޠާރިޤު އިބްރާހިމް ބައިވެރިވަޑައިގެންނެވިއެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެމިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާކިޔުމަށް ވީއައިއޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ އިތުރުން ފަތުރުވެރިކަމާއި ތިމާވަށްޓާބެހޭ ވުޒާރާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި، އިމިގްރޭޝަން، ކަސްޓަމްސްއިން ބައިވެރިވެފައިވެއެވެ.
ދެ މިލިއަން ފަތުރުވެރިޔާގެ ލަގަބު ލިބުނު ފަރާތަށް ފަތުރުވެރިކަމާބެހޭ ވުޒާރާ އާއި، ވީއެމްސީ، ކަސްޓަމްސް، އިމިގްރޭޝަން އަދި އެހެނިހެން ސްޕޮންސާތަކުން ހަދިޔާ އަދި ހޮލިޑޭ ވައުޗަރ ވަނީ ހުށަހަޅާފަ އެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު އެ އަމާޒަށް ދެވުނީ 2024 ޑިސެމްބަރު 26 ވަނަ ދުވަހުއެވެ.
މިއަހަރު ރާއްޖެއަށް އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ ޖޫން 7 ވަނަ ދުވަހު އެވެ. އެއް މިލިއަން ވަނަ ފަތުރުވެރިއަކީ އެދުވަހުގެ މެންދުރު އިންޑިއޯގެ ފްލައިޓެއްގައި ރާއްޖެ އައި އިންޑިއާގެ ކާޖަލް ސިންގް އެވެ.
މިއަހަރު ދެ މިލިއަން ފަތުރުވެރިންގެ އަދަދު ނޮވެމްބަރު މަހު ހަމަވިއިރު، ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތުންނެވެ.
މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 2،046،615 އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމެވެ.
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ އެއް ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި، ގިނަ އެއާލައިންތަކަކަށް އެ ޓާމިނަލުން ޚިދުމަތްދޭން ފެށުމެވެ. އަދި، ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.