ENGLISH

07 ނޮވެމްބަރު 2025

Advertisement

ކޮޅުވެއްޓި ފަދަ އުޅަނދުތައް ދުއްވާއިރު ސަމާލުވުމަށް ޓްރާންސްޕޯޓުން އިލްތިމާސްކޮށްފި

07 ނޮވެމްބަރު 2025

|

ހަސަން އާމިރު

ކޮޅުވެއްޓި ފަދަ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުތައް ދުއްވާ އިރު ސަމާލުވުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު، މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހުން މަރުވި ހާދިސާއާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮޅުވެއްޓި ފަދަ ބަރު އުޅަނދުތައް ދުއްވާއިރު ސަލާމަތީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ކޮޅުވެއްޓި އާއި ޓަގާއި ބާޖު އޮޕަރޭޓް ކުރާއިރު ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތައް ހިނގާފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ލޭންޑިން ކްރާފްޓާއި ބާޖާއި ޓަގު އޮޕަރޭޓް ކުރަނީ އެކަމުގެ ކެޕޭސިޓީ ނުވަތަ ޝަރުތު ފުރިހަމަ ނުވާ މީހުން ކަމަށެވެ. އެހެންވެ، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ މީހުންގެ ޝަރުތުތައް، ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރު ކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދާ، ހަވާލާދީ ހަނދާން ކޮށްދީފަ އެވެ. އަދި އުޅަނދުތަކުގެ ސައިޒަށް ބަލައިގެން މުދާ ބަރުކުރުމަށް ވެސް ޓްރާންސްޕޯޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގެ ތެރޭން އެ އުޅަނދެއްގެ ސައިޒާއި ކެޕޭސިޓީގެ ކެޓަގަރީ އަށް ފެތޭ ކެޕްޓަނުން އެ އުޅަނދުތައް ދުއްވުމަށް ވެސް ވަނީ ހަނދާން ކޮށްދީފަ އެވެ. އަދި އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭ ގޮތަށް ބަރުކުރުމާ އެކު، މުދާ ރަނގަޅަށް ލޭޝްކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3،000 ގްރޮސްޓަނުގެ ކެޕްޓަނުންނަށެވެ. ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އަދި އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާ އެކަށީގެންވާ ކެޕޭސިޓީގެ ޓަނޭޖުގެ ހުއްދަ ލިބިފައިވާ ކެޕްޓަނުންނަށެވެ.

މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓި ބަންޑުންޖަހާލައި ދެ މީހަކު މަރުވި ހާދިސާގެ ތަހުގީގެއް އެމްޕީއެލް އިން ވެސް ވަނީ ފަށައިފަ އެވެ. އެ ތަހުގީގުގެ ވަގުތީ ނަތީޖާތަކާ ހަވާލާދީ އެމްޕީއެލް އިން ބުނީ ކޮޅުވެއްޓީގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށާއި އެ އުޅަނދު ބަންޑުންޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށެވެ.

ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވަން ޖެހޭނީ 100 ގްރޮސް ޓަނޭޖަށް ވުރެ ބޮޑެތި އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަން ޖެހޭ ފަރާތެކެެވެ. 

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 14 މީހުން ތިއްބެވެ. ހާދިސާގައި އަނިޔާވެގެން ހަ މީހަކަށް ފަރުވާދޭން އައިޖީއެމްއެޗަށް ގެންދިޔައެވެ. ފަރުވާދެމުން ދަނިކޮށް ވަނީ 25 އަހަރުގެ ދިވެއްސަކާއި 32 އަހަރުގެ ބަންގްލަދޭޝްގެ މީހަކު މަރުވެފަ އެވެ.

މިއީ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ރާއްޖޭގައި މި އަހަރު ހިނގި ހިތާވެރި ތިން ވަނަ ހާދިސާ އެވެ. މި އަހަރުގެ ޖޫން މަހު ވެސް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން ވަނީ ދެ މީހަކު މަރުވެފަ އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ވެސް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ތިން މީހަކު ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގީ މާލެ އިން ފުރައިގެން ދަތުރުކުރި "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެންނެވެ. އެ ކޮޅުވެއްޓި ވެސް ބަންޑުން ޖަހާލި އިރު އެ އަށް ވަނީ ވެހިކަލެއް އަރުވައިފަ އެވެ. އަދި އެ ވެހިކަލް ތެރޭގައި ދެ މީހަކު ތިބި ކަމަށްވެ އެވެ.

ކިޔުންތެރިންގެ ހިޔާލު