ENGLISH
08 ނޮވެމްބަރު 2025
"ޑައިމަންޑް ޖުބިލީ" ފުޓްބޯޅަ ފެސްޓިވަލް ފަށައިފި
07 ނޮވެމްބަރު 2025
|
ޑައިމަންޑް ޖުބިލީ ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް
ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ "ޑައިމަންޑް ޖުބިލީ" ފެސްޓިވަލް މިއަދު ހަވީރު ފަށައިފިއެވެ.
މިއަދާއި މާދަމާ މާފަންނު ޓާފް ދަނޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގައި މާލޭ ސަރަހައްދުގެ 18 އެކަޑެމީއަކުން 1،500 އަށްވުރެ ގިނަ ކުދިން ބައިވެރިވެއެވެ.
އެގޮތުން، މިއަދު ހަވީރު ފެސްޓިވަލް ފެށުމުގެ ގޮތުން ފުރަތަމަ ކުރިއަށްގެންދިޔައީ 8 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންގެ މެދުގައި ކުޅެވުނު ފުޓްބޯޅަ މެޗުތަކެކެވެ.
ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އެކަޑެމީތަކުގެ ކުދިން ވަނީ މިއަދުގެ ފެސްޓިވަލްގެ ތެރެއިން އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، އަލިމަސްޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި މި ފެސްޓިވަލް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާނެ ކަމަށެވެ.
ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ގޮތުން މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެފްއޭއެމުން ވަނީ، "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފައެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950 ވަނަ އަހަރު ކަމަށެވެ. ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ" ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފައެވެ.