ENGLISH

07 ޖޫން 2026

Advertisement

ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދަމަހައްޓާނެ: ރައީސް

07 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު.

މި ސަރުކަރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް އިތުބާރު ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާކަމެެއް ކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މިފަދަ ދުވަހެއްގައި ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން ހަނދާނަށް ގެންނަންޖެހޭކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން ދިރާސީ މައުލޫމާތުގެ އަލީގައި މުޖުތަމައުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން ފާހަގަކުރެއްވިއެވެ. 

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެއްޗަކީ ރައްކާތެރި، ފައިދާހުރި އަދި އިތުބާރު ކުރެވޭ ތަކެތިކަން ކަށަވަރުކުރުމުގައި ސަރުކާރުން ސާބިތުމަކާއެކު މަސައްކަތްކުރާނެކަމަށެވެ. މިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި ކޮންޓްރޯލްކުރުން ހަރުދަނާކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން ދެނެގަތުމަށް ބޭނުންވާ ގައުމީ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަމުންދާއިރު ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައިވެސް ރައްކާތެރި ކާބޯތަކެތިން މަހުރޫމްވެ ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެ ކާރިސީ ހާލަތްތަކުގައި ތިބި ހުރިހާ އެންމެންގެ މަތިން ހަނދާންކުރައްވައި ރައީސް ވަނީ ގުޅިގެން މިފަދަ މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތްކުރެއްވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

ގުޅިގެން ކުރެވޭ މަސައްކަތްތަކާއި ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށްވެސް ރައްކާތެރި މުސްތަގުބަލެއް ކަށަވަރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު