ENGLISH
07 ޖޫން 2026
އިންޑިއާއިން ހަވަނަ ފަހަރަށް ސާފް ވިމެންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
07 ޖޫން 2026
|
ސާފް ވިމެންސް ޗެމްޕިއަންޝިޕުގެ ޓްރޮފީ އާއެކު އިންޑިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: ސާފް
އެންމެ މަޤްބޫލު
ފައިނަލުގައި މިދިޔަ ދެ ފަހަރުގެ ޗެމްޕިއަން ބަންގްލަދޭޝް ބަލިކޮށް، އިންޑިއާއިން ހަވަނަ ފަހަރަށް ސާފް ވިމެންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ. ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕް މިހާތަނަށް އަށް ފަހަރު ބާއްވާފައިވާއިރު، އިންޑިއާއަށް ގެއްލުނީ މިދިޔަ ދެ ފަހަރުގެ މުބާރާތެވެ. އެ ދެ މުބާރާތް ބަންގްލަދޭޝްއިން ކާމިޔާބުކުރިއިރު، މި ފަހަރުގެ މުބާރާތަކީ އިންޑިއާއިން ހަތް އަހަރު ފަހުން ކާމިޔާބުކުރި ފުރަތަމަ މުބާރާތެވެ.
އެގޮތުން 2010 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް އިންޑިއާއިން ޖެހިޖެހިގެން ފަސް ފަހަރު ކާމިޔާބުކުރިއިރު، އެ ގައުމުން ވަނީ 2010، 2012، 2014، 2016 އަދި 2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 2022 އަދި 2024 ގެ މުބާރާތް ކާމިޔާބުކުރީ ބަންގްލަދޭޝްއިންނެވެ.
މި ފަހަރުގެ މުބާރާތް އިންޑިއާގެ ގޯއާގައި ބޭއްވިއިރު، މިރޭ ކުޅުނު ފައިނަލް މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ އިންޑިއާއިންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އިންޑިއާއަށް ކާމިޔާބުކޮށްދިނީ ޕިޔާރީ ޒާޒާއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ވަގުތުގެ ތެރޭގައި ބަންގްލަދޭޝްއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރީތޫ ޕޯރްނާ ޗަކްމާއެވެ.
މި މެޗުގައި އިންޑިއާއުން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ސަންފިދާ ނޮންގްރަމެވެ. އަދި މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް ބަދަލަކަށް ކުޅެން އެރި ލިންޑާ ކޯމް ސެރްތޯ ވަނީ އިންޑިއާގެ ލީޑު ފުޅާކޮށްދީފައެވެ.
ޖުމްލަ ހަ ގައުމު ވާދަކުރި މި މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި ރާއްޖެ ހިމެނުނީ ފައިނަލްގައި ވާދަކުރި އިންޑިއާ އާއި، ބަންގްލަދޭޝް އާއެކު ގްރޫޕް ބީގައެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ރާއްޖެ ބަލިވި ނަމަވެސް، ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެއިން ވަނީ ތައުރީފު ހައްގު ކުޅުމެއް ދައްކާފައެވެ.