ENGLISH

25 ޖުލައި 2026

Advertisement

އިޓަލީގެ ކޯޗުގެ މަގާމަށް ޕިރްލޯ ހަމަޖައްސަނީ

24 ޖުލައި 2026

|

އިސްމާއިލް ޝާހު

ޔުވެންޓަސްގެ ކުރީގެ ކޯޗު އަންދްރެެއާ ޕިރްލޯ --- ފޮޓޯ: ރޮއިޓަރސް

އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުގެ މަގާމަށް ލެޖެންޑް އަންދްރެެއާ ޕިރްލޯ ހަމަޖެއްސުމަށް، އޭނާއާއެކު ހަތަރު އަހަރުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ތާރީޚުގައި ފެނިދިޔަ އެންމެ ހުނަރުވެރި މިޑްފީލްޑަރުންގެ ތެރެއިން ގުނޭ ޕިރްލޯ ވަނީ 2006 ވަނަ އަހަރު އިޓަލީ ޓީމާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ކުލަބު ފެންވަރުގައިވެސް ޕިރްލޯ ވަނީ އިންޓަރ މިލާން، އޭސީ މިލާން، އަދި ޔުވެންޓަސް އާއެކު ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

މިހާރު 47 އަހަރު ފުރިފައިވާ ޕިރްލޯ ދަނީ، އެކުވެރި އަރަބި އިމާރާތަ (ޔޫއޭއީ) ގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ދުބާއީ ޔުނައިޓެޑުގެ ކޯޗުކަން ކުރަމުންނެވެ. ކުރިން ޔުވެންޓަސްގެ ކޯޗަކަށް ހުރި 2020/21 ވަނަ އަހަރުގެ ސީޒަނުގައި ޕިރްލޯ ވަނީ ކޮޕާ އިޓާލިއާ އަދި އިޓަލިއަން ސުޕަ ކަޕް ކާމިޔާބުކޮށްދީފައެވެ.

ޕިރްލޯ ކޯޗަކަށް ގެންނަ ވާހަކަ ދެކެވިގެން ދިޔައީ، ކުރީގެ މެންޗެސްޓަރ ސިޓީ އަދި ބާސެލޯނާ ކޯޗު ޕެޕް ގާޑިއޯލާ، އިޓަލީގެ ޤައުމީ ޓީމުގެ ކޯޗުކަމުގެ ހުށަހެޅުން ދޫކޮށްލަން ނިންމިތާ މާގިނަ އިރުތަކެއް ނުވެއެވެ.

އުމުރުން 55 އަހަރުގެ ގާޑިއޯލާ، ގައުމީ ޓީމުގެ ކޯޗުކަމާ ގުޅޭ ގޮތުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޖިއޮވާނީ މަލަގޯއާ ވާހަކަ ދެއްކި ކަމަށް ވެއެވެ. ގާޑިއޯލާ ފަދަ ފެންވަރުގެ ކޯޗަކަށް ޚަރަދުގެ ގޮތުން ލުއި ގޮތްތަކެއް ހޯދައިދެވިދާނެ ކަމަށްވެސް ރައީސް މީގެ ކުރިން ހާމަކުރެއްވިއެވެ.

ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ތިންވަނަ ފަހަރަށްވެސް ވޯލްޑް ކަޕަށް ކޮލިފައިނުވުމާ ގުޅިގެން، ޖެނާރޯ ގަޓޫސޯ ކޯޗުކަމުން ވަކިވި ހިސާބުން ފެށިގެން، ޤައުމީ ޓީމަށް ކޯޗެއް ހޯދުމުގެ މަސައްކަތް އެ ޤައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ދަނީ ކުރަމުންނެވެ. ގާޑިއޯލާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީވެސް ހޯދުމަށް އެ ފެޑަރޭޝަނުން ވަނީ ގިނަ ވާހަކަތަކެއް ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު