ENGLISH
07 ޖޫން 2026
ކިންގްސް ކަޕް: އުތީމާއި އެއިޓީފޯ ކުއާޓާއަށް، ޗެމްޕިއަން އާރްއާރްސީ ކަޓައިފި
07 ޖޫން 2026
|
ކިންގްސް ކަޕުގައި އުތީމާއި އެއިޓީފޯ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ކިންގްސް ކަޕް 2026 ގެ ކުއާޓާ ފައިނަލް ފަހު ޖާގަތައް އުތީމު ފުޓްބޯލް ކުލަބާއި، އެއިޓީފޯ ފުޓްބޯލް ކުލަބުން ހޯދިއިރު، އެންމެ ފަހުގެ ޗެމްޕިއަން ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) މުބާރާތުން ކަޓައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދި ދެ ޓީމާއީ، ތިންވަނަ ހޯދި ތިން ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާލި ދެ ޓީމެވެ. ގްރޫޕް އޭގެ ތިންވަނަ އެއިޓީފޯ އާއި ގްރޫޕް ސީގެ ތިންވަނަ ސްޓެލްކޯ ކުއާޓާއަށް ދަތުރުކޮށްފައިވަނީ، ގްރޫޕް ބީގެ ތިންވަނަ އާރްއާރްސީ އަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމުންނެވެ. އެގޮތުން ސްޓެލްކޯއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، އެއިޓީފޯ އާއި އާރްއާރްސީއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެކަމަކު އެއިޓީފޯއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.
މި މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުތައް މިރޭ ކުރިއަށްދިޔައިރު، މި ގްރޫޕުގެ އެއްވަނަ ހޯދި ކުލަބު އެމްޓީސީސީ ވަނީ ޓީމު އެޗްޕީއެސްއެން އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި އެމްޓީސީސީއާ އަލަށް ގުޅުނު ބްރެޒިލްގެ ނޭތަން ސޯރެސް ވަނީ ހެޓްރިކް ހަދާފައެވެ. ދެން. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލީ ޝިޔާހު އާއި، އަލީ މާއިސްއެވެ.
ކިންގްސް ކަޕުގައި އެމްޓީސީސީ އާއި އެޗްޕީއެސްއެން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ އުތީމުން ވަނީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އެއިޓީފޯ ބަލިކޮށްފައެވެ. މި މެޗުގައި އުތީމުގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު މަޒީނާއި، މުޙައްމަދު މުއާދު އަދި މުޙައްމަދު ރިޝްމީއެވެ.
މި އާއެކު އެމްޓީސީސީއަށް ގްރޫޕް އޭގެ އެއްވަނަ ލިބުނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި އުތީމަށް ހަ ޕޮއިންޓް ލިބުނުއިރު، ތިންވަނައިގައި ކުއާޓާގެ ޖާގައެއް ކަށަވަރުކުރި އެއިޓީފޯއަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި ނިންމި އެޗްޕީއެސްއެންއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލަށް ޓީމުތައް ދަތުރުކޮށްފައިވާއިރު، ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރެއެވެ.
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތުގެ ކުއާޓާއަށް ޓީމުތައް ދަތުރުކޮށްފައިވާއިރު، މި ސީޒަނުގެ ދެވަނަ މުބާރާތް ކަމަށްވާ ކިޑްސަލް ފުޓްސަލް މުބާރާތުގެ ކުޅުން މާދަމާ ހަވީރު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.