ENGLISH

08 ނޮވެމްބަރު 2025

Advertisement

ނަޞްރުގެ ދުވަހާއި ގުޅިގެން ބާއްވާ ސިފައިންގެ މައުރަޒު ހުޅުވައިފި

07 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ނަޞްރުގެ ދުވަހާއި ގުޅިގެން ބާއްވާ ސިފައިންގެ މައުރަޒު ހުޅުވުން --

 "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ގދ. ތިނަދޫ ސިޓީގައި މިއަދު ހުޅުއްވައިފި އެވެ.

ތިނެއް ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރުގެ އުފަން ރަށް ކަމުގައިވާ ތިނަދޫ ސިޓީގައި ބާއްވާ މި މައުރަޒު ހުޅުވައިދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

އާންމުކޮށް ހުޅުވާލައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި މަޢުރަޒު ޚާއްޞަ ކޮށްފައިވަނީ 1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ، ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީ އަށެވެ. މި މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ދިވެހިރާއްޖެއަށް އެ ދުވަހުގެ ޢުދުވާނު ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތަކުގެ ވަގުތު ފީތާއެއް ގޮތަށް ސިފަ ކޮށްލެވޭނެހެން އެ ދުވަހުގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރާއި، އަދި ލިޔުންތައް ވަނީ ހިމަނާފަ އެވެ. އަދި، ދިވެހި ސިފައިންނާއި ދިވެހިން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު، މި މައުރަޒުން ތަޞައްވުރު ކޮށްލެވޭނެ އެވެ.

މި މައުރަޒު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ނޮވެންބަރު ހަތެއް އަދި އަށެއްގަ އެވެ. ނޮވެންބަރު ހަތް ވަނަ ދުވަހު މި މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ. ނޮވެންބަރު އަށް ވަނަ ދުވަހު މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 9:00އިން 12:00އަށް، މެންދުރުފަހު 14:00އިން 18:00އަށް، އަދި ރޭގަނޑު 20:00އިން 22:00 އަށެވެ.

މި މައުރަޒު ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު، ސައުދުﷲ ޙިލްމީއާއި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަޙްމަދު އަޝްރަފާއި، ނޮވެންބަރު ތިނެއްގެ ހާދިސާގައި ސިފައިންގެއިން ބޭރަށް ނިކުތުމަށް ދިޔަ 11 މީހުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޢަބްދުﷲ ނަސީމް (ތިނަދޫ ނަސީމް) އާއި، ތިނަދޫ ސިޓީ ކައުންސިލްގެ މެންބަރުންނާއި، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްބޭފުޅުންނާއި، ތިނަދޫ ސިޓީގެ ބައެއް މުއައްސަސާތަކާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ބައިވެރިވި އެވެ.

ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ސިފައިންގެ މަޢުރަޒުގެ އިތުރުން، ނޮވެންބަރު އަށް ވަނަ ދުވަހުގެ ހަަވީރު 16:00 ގައި، ތިނަދޫ ސިޓީ ސްޓޭޑިއަމުގައި އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި ޢާއިލީ ހަވީރެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތްތަކުގެ މަގުސަދަކީ ޝަހީދުންނަށް ޓަކައި ދިވެހީންގެ ހިތްތަކުގައި އޮންނަ ގައުމީ ފަޚުރާއި، މުޖުތަމައުގެ އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމުގެ އިތުރުން، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ޝަހީދުން ވެދެއްވި ގުރުބާނީތަކުގެ ހަނދާނާއި ޒިކުރާ އާކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު