ENGLISH
07 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ވަރަ އެކްސްޕޯ 2025 އިފުތިތާޙުކޮށްދެއްވުން
07 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވަރަ އެކްސްޕޯ 2025 އިފުތިތާޙުކޮށްދެއްވައިފި. ނޮވެންބަރު 6 އިން 8 އަށް، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި އެކްސްޕޯގައި، ތަޢުލީމާއި، ތަމްރީނާއި، ހުނަރާ ގުޅުންހުރި މުއައްސަސާތަކާއި ވަޒީފާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެން 166 އެގްޒިބިޓަރުން ބައިވެރިވޭ. އަދި މި އެކްސްޕޯ މެދުވެރިކޮށް، ވަޒީފާ އާއި ދަސްވާރުކަމުގެ ފުރުޞަތުތައް ވަނީ ހުޅުވާލެވިފަ. މީގެ އިތުރުން، ވަޒީފާގެ ބާޒާރާއި، ތަޢުލީމާއި، ތަމްރީނާ ގުޅުންހުރި މަސައްކަތުބައްދަލުވުންތަކާއި ޕެނަލް ޑިސްކަޝަންތައްވެސް މި އެކްސްޕޯގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ވޭތުވެ ދިޔަ ދެ އަހަރު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ އިން ކުރައްވާފައިވާ ކާމިޔާބު މަސައްކަތްތައް ދައްކުވައިދޭ ޚާއްޞަ ފޮތް، "ކުރިމަގަށް ތައްޔާރު ދިވެހިރާއްޖެ- ތަޢުލީމާއި ތަމްރީނުގެ އާ ޒަމާނެއް" ނެރެދެއްވާފަ ރަސްމިއްޔާތަށް ފަހު އެކަމަނާ ވަނީ ވަރަ އެކްސްޕޯ 2025 ބައްލަވާލައްވާފަ. އަރިހުގައި، ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި ޢިއްޒަތްތެރީން ވަޑައިގެންނެވި.