ENGLISH

31 އޮކްޓޯބަރު 2025

Advertisement

ދ. ބަނޑިދޫ އާއި މީދޫގައި ގާއިމުކުރި އައިސްޕްލާންޓްތައް ހުޅުވައިފި

31 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ދ. ބަނޑިދޫ އާއި މީދޫގައި ގާއިމުކުރި އައިސްޕްލާންޓްތައް ހުޅުވުން --

މަސްވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނައުމަށްޓަކައި، ދ. އަތޮޅުގެ ދެ ރަށެއްގައި ގާއިމުކުރި އައިސްޕްލާންޓްތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ހުޅުއްވައި ދެެއްވައިފި އެވެ.

މި އައިސްޕްލާންޓްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، "މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން" މި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް ގެންދެވީ މިފްކޯއާ ހަވާލުކުރައްވައިގެންނެވެ.

މިގޮތުން، ދ. ބަނޑިދޫގައި ގާއިމުކުރީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ. މިކަމުގެ ސަބަބުން ބަނޑިދޫގެ މަސްވެރިންނަށް މަސް ގަނޑުކުރުމަށް ބޭނުންވާ އައިސް ލިބުމުގައި ކުރިމަތިވާ ދަތިކަން ހައްލުވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެ އެވެ.

ދ. މީދޫގައި ވެސް ވަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ރަސްމީކޮށް ހުޅުވާފަ އެވެ. މި ފެސިލިޓީ ހުޅުއްވައިދެއްވީ ވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު އެވެ.

މީދޫ އާއި އެ ސަރަހައްދުގެ މަސްވެރި ރަށްތަކުގެ މަސްވެރިންނަށް އައިސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިފަދަ ބޮޑު ފެސިލިޓީއެއް ގާއިމުވުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި ދެ އައިސްޕްލާންޓް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ދ. އަތޮޅުގެ މަސްވެރިންނަށް އައިސްގެ ދަތިކަމެއް ކުރިމަތިނުވެ، އެމީހުންގެ މަސްވެރިކަން އިތުރަށް ހަރުދަނާކޮށް، އާމްދަނީ އިތުރުކުރުމަށް އެހީތެރިވުމެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް އާ ހިތްވަރެއް ލިބި، ރަށު އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު