ENGLISH

31 އޮކްޓޯބަރު 2025

Advertisement

އަންނަ އަހަރު ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ޑޮލަރު، އާމްދަނީގެ ސިޔާސަތަށް ބަދަލެއް ނުގެންނާނެ

31 އޮކްޓޯބަރު 2025

|

ހަސަން އާމިރު

އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 31.3 ބިލިއަން ރުފިޔާ ކަމަށާއި އާމްދަނީ އިތުރުކުރުމަށްޓަކައި އާމްދަނީގެ ސިޔާސަތަށް އަންނަ އަހަރު ބަދަލު ގެނައުމަށް ހުށަހަޅާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ  ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ ކަމަށެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 373.6 މިލިއަން ރުފިޔާއާ އެކު، އަންނަ އަހަރުގެ ނިޔަލަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 40.3 ބިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.

މިއީ މި އަހަރު ދައުލަތަށް ލިބޭނެކަމަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ އިތުރުން، މިއަހަރު ހުޅުވި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލް އަންނަ އަހަރު މުޅިން އޮޕަރޭޝަނަލައިޒްވެ، ރީޖަނަލް އެއަރޕޯޓުތައް އިތުރަށް ތަރައްގީވެ މުޅި ރާއްޖޭގައި ފަތުރުވެރިކަން ފުޅާވެގެން އަންނާނެކަމަށް ބެލެވޭތީ ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަރޕޯޓު ޓެކުހާއި ފީ ކުރިއަރާނެކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. މިގޮތުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަރުތުވެރިން އިތުރުވުމާއެކު އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ މަތީ ރޭޓުގެ ފުރިހަމަ އަސަރު އަންނަ އަހަރުގެ ތެރޭގައި ފެނި، އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށްޓަކައި އާމްދަނީގެ ސިޔާސަތަށް ބަދަލު ގެނައުމަށް ހުށަހަޅާފައި ނުވި ނަމަވެސް، ޓެކްސް ތަންފީޒުކުރުމާއި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ހޯދުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ޓެކުހާބެހޭ ޤާނޫނުތަކަށް ހުށަހަޅާފައިވާ އިސްލާހުތައް ބަޖެޓާއެކު ފާސްވުމަކީ، އާމްދަނީން އޭގެ ހެޔޮ ބަދަލު ފެނިގެންދާނެ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު