ENGLISH
31 އޮކްޓޯބަރު 2025
ބަޖެޓުގެ ފިސްކަލް އަމާޒަކީ ދައުލަތުގެ ދަރަނި 117 ޕަސެންޓަށް ދަށްކުރުން: މިނިސްޓަރ
31 އޮކްޓޯބަރު 2025
|
 
          އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ފިސްކަލް އަމާޒުތަކަކީ 2028 ވަނަ އަހަރުގެ ނިޔަލަށް އޯވަރޯލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށް ދަށްކުރުމާއި ދައުލަތުގެ ސީދާ ދަރަނި 117 ޕަސެންޓްއަށް ކުޑަކުރުން ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ ވިދާޅުވީ ޕީއެސްއައިޕީ ޚަރަދުތައް ވެސް ހަތް ޕަސެންޓަށް ވުރެ މަތިނުވާނެހެން ކަނޑައަޅާނެ ކަމަށާއި އެއާ އެކު، ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ނިސްބަތުން އިންޓްރެސްޓް ޚަރަދު 12 ޕަސެންޓްއަށްވުރެ މަތިނުވާނެހެން ހިފަހައްޓަވާނެ ކަމަށެވެ.
ދެހާސް އަށާވީސް ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ ނިސްބަތުން ގެރެންޓީދީފައިވާ ދަރަނި 10 ޕަސެންޓްއަށް ކުޑަކުރައްވާނެ ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ އަންނަ އަހަރުގެ ބަޖެޓުގެ އޮޕަރޭޝަނަލް އަމާޒުތަކަކީ ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ 32 ޕަސެންޓްއަށްވުރެ ދަށްނުވާނެ މިންވަރެއްގައި ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ލިބޭ އާމްދަނީން ހަމަޖައްސައި، ދައުލަތުގެ ސީދާ ދަރަނި މެދުރާސްތާގައި ދަށަށްދާނެ މިސްރާބަކަށް އަމާޒު ހިއްޕަވާނެ ކަމަށާއި ޕީއެސްއައިޕީގެ ޚަރަދުގެ ޖުމުލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު 70 ޕަސެންޓްއަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފަހައްޓަވާނެ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުން ނަގާ އިންޓްރެސްޓް ޚަރަދު، އާމްދަނީގެ ނިސްބަތުން ފަސް ޕަސެންޓްގައި ހިފަހައްޓަވާނެ ކަމަށާއި ދައުލަތުން ގެރެންޓީ ދޭނީ ދަރަންޏާބެހޭ ޤާނޫނުގައި ކަނޑައަޅައިފައިވާ ހަމަތަކާއި އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.
މި އަމާޒުތައް ހާސިލުވާނެ ގޮތެއްގެ މަތިން ފިސްކަލް ޕޮލިސީ އަތުރާލައި ތަންފީޒުކުރުން ބިނާވެގެން އަންނަނީ މެދުރާސްތާގައި ދައުލަތަށް ޔަގީންކަމާއެކީ އާމްދަނީ ލިބޭނެކަން އެކަށައެޅިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަންނަ އަހަރު އޭޕްރީލް މަހު ސުކޫކާއި ބޮންޑަށް 600 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައްކާ ޚަލާސްކުރަންޖެހޭ ބިޔަ ޒިންމާޔަށް، މިނިސްޓަރ އޮފް ފިނޭންސްގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންގެ ހައްގުގައި ކުރިމަތިލާއިރު، އެމަނިކުފާނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާރޯކަމާއި ވިލުންވެރިކަމާއެކީ ކުރިއަރަމުން އަންނަ އިގުތިސާދެއް އޮތުންކަމުގައި ވެސް މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައިވާނީ ދިވެހިންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކޮށް، ދިވެހިންނަށް ހަޤީގީ މާނާގައި ތަރައްޤީ ގެންނާނެ ގޮތަށް ވިސްނައިގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
 
                       
                       
                      