ENGLISH
18 އޮކްޓޯބަރު 2025
ދައުލަތަށް ލިބުނު ބޭރު ފައިސާގެ އާމްދަނީ 39.1 އިންސައްތަ އިތުރުވެއްޖެ
18 އޮކްޓޯބަރު 2025
|
މި އަހަރުގެ މިހާތަނަަށް ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 39.1 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ ތަފާސްްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް 1.1 ބިލިއަން ޑޮލަރު މީރާއަށް ލިބިފައިވެއެވެ. 2024 ވަނަ އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބުނީ 804 މިލިއަން ޑޮލަރެވެ.
އެހެންކަމުން މި އަހަރުގެ އެ މުއްދަތުގައި މީރާއަށް ލިބުނު އާމްދަނީ ނިމުނު އަހަރު ލިބުނު އާމްދަނީއަށްވުރެ 39.1 އިންސައްތަ އިތުރުވެފައިވެއެވެ.
ބޭރު ފައިސާގެ އާމްދަނީއަށް ބަލާއިރު އެންމެ ބޮޑަށް އިތުރުވީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން މި އަހަރު ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އަދަދު 851.3 މިލިއަން ޑޮލަރަށް އަރާއިރު، ނިމުނު އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނީ 627.9 މިލިއަން ޑޮލަރެވެ.
ވަކިވަކި ޓެކުހަށް ބަލާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 56.6 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 90.9 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އާމްދަނީ ނަގާ ޓެކުހުގެ ގޮތުގައި ނިމުނު އަހރު 49.1 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 120.1 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އަދަދު އިތުރުވީ މި އަހަރުން ފެށިގެން ޑިޕާޗާ ޓެކުހުގެ ރޭޓުތައް ބޮޑުކުރުމުގެ ސަބަބުންނެވެ. އަދި އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވީ، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކާއި ފަރުދުންގެ އާމްދަނީ ޓެކުސް ބޭރު ފައިސާއިން ދައްކަންޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމާ ގުޅިގެންނެވެ.
އޭގެ އިތުރަށް ގްރީން ޓެކުހުގެ ރޭޓަށް ގެނައި ބަދަލާއެކު މި އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު ބޭރު ފައިސާވެސް ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރު ގްރީން ޓެކުހުގެ ގޮތުގައި 52.7 މިލިއަން ޑޮލަރު ލިބުނު ނަމަވެސް މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް 108.6 މިލިއަން ޑޮލަރު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވެއެވެ.
ޓީޖީއެސްޓީގެ ގޮތުގައި ނިމުނު އަހަރު 469 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 531.3 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ އިތުރުވުމާއެކު ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާވެސް އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހރު ޓެކުސް ނޫން ގޮތްގޮތުން ލިބުނީ 178 މިލިއަން ޑޮލަރު ނަމަވެސް މި އަހަރު އެ އަދަދުވަނީ 268 މިލިއަން ޑޮލަރަށް އަރަފައެވެ.
ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އިތުރުވުމުގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްވެސް ވަރަަށް ބޮޑު ތަނުން އިތުރުވެފައިވާކަން މޯލްޑިވްސް މަނިޓަަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މާލީ ހިސާބުތަކުން ދައްކައެވެ. ނިމުނު އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރިޒާވްވަނީ 130 އިންސައްތައިން އިތުރުވެފައެވެ.