ENGLISH

19 އޮކްޓޯބަރު 2025

Advertisement

ނަސްރު ބޯޓު އަޑިއަށް ދިއުމުން ކުމުންދޫ ވިޔަފާރިވެރިންނަށް ލިބުނު ގެއްލުން ކައުންސިލުން ބަލަނީ

18 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

އަޑިއަށްދިޔަ ނަސްރު ބޯޓު. ފޮޓޯ: އެމްއެންޑީއެފް

މޫސުން ގޯސްވެ އޮކްޓޫބަރު 16 ވަނަ ދުވަހު ނަސްރު ބޯޓު އަޑިއަށް ދިއުމާއެކު، އެ ބޯޓުގައި ހުރި ހދ. ކުމުންދޫ ވިޔަފާރިވެރިންގެ މުދަލުގެ އަގު ދެނެގަނެ ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް އެރަށު ކައުންސިލުން ފަށައިފިއެވެ. 

ހދ. ނޭކުރެންދޫގެ އެ ބޯޓު އަޑިއަށްދިޔައީ ޅ. އަޅިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލުންނެވެ. ބޯޓު އަޑިއަށްދިޔައިރު އެ ބޯޓުގައި ތިބި ފަސް ފަޅުވެރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ސަލާމަތްކޮށްފައެވެ. 

މާލޭން ރަށްރަށަށް މުދާހިފައިގެން ދަތުރުކުރާ އެ ބޯޓުގައި އެކި ރަށްރަށުގެ ވިޔަފާވެރިންގެ މުދާ ހުއްޓެވެ. މުދަލާއެކު ބޯޓު އަޑިއަށް ދިއުމުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. އެ ގެއްލުން ދެނެގަތުމުގެ މަސައްކަތް ފެށި އެއް ރަށަކީ ހދ. ކުމުންދޫއެވެ. 

ކުމުންދޫ ކައުންސިލުން މިއަދު ގެޒެޓުގައި އާއްމުކުރި އިއުލާނުގައި ބުނީ ބޯޓު އަޑިއަށް ދިއުމާއި ގުޅިގެން ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެމަސައްކަތުގެ އަދާހަމަ އެއްކުރުމަށް އެކައުންސިލުން ވަނީ ލިންކެއް ހާއްސަކޮށްފައެވެ. ލިންކު ބޭނުންކޮށްގެން ލިބުނު ގެއްލުމުގެ މައުލޫމާތު ހިއްސާކުރުމަށް ކައުންސިލްގެ އިޢުލާނުގައި ވަނީ ބުނެފައެވެ. 

ކުމުންދޫ ކައުންސިލުން ބުނީ މައުލޫމާތު އެއްކުރަނީ ކައުންސިލުން ތައްޔާރުކުރަމުންދާ ރިޕޯޓަކަށް ކަމަށެވެ. ރިޕޯޓް ތައްޔާރުކުރުމަށްފަހު، ރިޕޯޓް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. ގެއްލުމުގެ ބަދަލު ހަމަޖެއްސުމަކީ އެންޑިއެމްއޭއިން ކުރާކަމެއްކަމުގައި އިޢުލާނުގައި ވަނީ ބުނެފައެވެ. 

ކުމުންދޫ ކައުންސިލުން ބުނީ ލިންކް މެދުވެރިކޮށް އެ ހުރިހާ މަޢުލޫމާތެއް އޮކްޓޫބަރު 20 ވަނަ ދުވަހުގެ ކުރިން ހިއްސާކުރަން އެދޭ ކަމަށެވެ. 

ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް އަބަދުވެސް ހިނގައެވެ. ބުރާސްފަތި ދުވަހު ނަސްރު ބޯޓު އަޑިއަށް ދިޔައިރު ބުދަ ދުވަހުގެ ރޭ މެންދަމު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އޭގައި ތިބި ދެ މީހަކު ވަނީ މަރުވެފައެވެ. ތިންވަނަ މީހާ ހޯދުމުގެ މަސައްކަތް އިދާރާތަކުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު