ENGLISH

19 އޮކްޓޯބަރު 2025

Advertisement

ވަޅުޖެހިފައި އޮތް ކުޅިވަރުގެ ދާއިރާ މިސަރުކާރުން ނަގާ ކޮޅަށްޖަހާނެ: އެމްޕީ މުޙައްމަދު އިސްމާޢީލް

18 އޮކްޓޯބަރު 2025

|

އަޙުމަދު ޙަމީދު

ރައީސް މުޢިއްޒު އަދި މުޙައްމަދު އިސްމާޢީލް

‏ވަޅުޖެހިފައި އޮތް ކުޅިވަރުގެ ދާއިރާ މިސަރުކާރުން ނަގާ ކޮޅަށްޖަހާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

މެންބަރު މުޙައްމަދު މިހެން ވިދާޅުވީ އެކި ކުޅިވަރުތަކުގައި ގައުމީ ޓީމުތަކުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށާއި އޮފިޝަަލުންނަށް ކޮންމެ މަހަކު ސަރުކާރުން ދޭ އެލަވެންސް ބޮޑުކުރަން ނިންމި ނިންމުމަށް އިޝާރާތް ކުރައްވަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުޙައްމަދު ވިދާޅުވީ ރައީސް މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް ޤައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންގެ އިނާޔަތް ފުރަތަމަ ފަހަރަށް ބޮޑުކޮށް ކުރިވަރުގެ އާއިލާއަށް އުފާވެރިކަމާއި، އާރޯކަން ގެނެސްދެއްވާފައިވާ ކަމަށެވެ.

”… الله އިރާދަކުރެއްވިއްޔާ ވަޅުޖެހިފައި އޮތް ކުޅިވަރުގެ ދާއިރާ މިސަރުކާރުން ނަގާ ކޮޅަށްޖަހާނެ،” މުޙައްމަދު ވިދާޅުވި އެވެ.

މީގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނަށް ދެމުންއައީ މަހެއްގެ މައްޗަށް 5،000 ރުފިޔާގެ އެލަވަންސެކެވެ. ސަރުކާރުން ނިންމާފައިވަނީ އެ އެލަވަންސް 7،000 ރުފިޔާއަށް އިތުރުކުރުމަށެވެ. 

މި އަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން މި އަހަރު ތަންފީޒުކުރާ ސިޔާސަތުތަކާމެދު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ގައުމީ ޓީމުތަކުގައި އެކި ކުޅިވަރުތަކުގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނަށް ސަރުކާރުން ދެމުންދާ އެލަވަންސް އިތުރުކޮށްދެއްވާނެ ކަމަަށް ވިދާޅުވެފައެވެ. 
ކުޅިވަރާ ބެހޭ ވުޒާރާއިން ނެރުނު ސާކިއުލާއެއްގައި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އިނާޔަތް އިތުރުކުރަން ނިންމިކަން ހުރިހާ އެސޯސިއޭޝަންތަކަށް އަންގާފައެވެ. އެ ސާކިއުލާގައި ބުނެފައިވަނީ މި އަހަރުގެ މޭ މަހުން ފެށިގެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާ ކަމަށެވެ. 

އެގޮތުން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، އޮފިޝަަލުންނާއި، "ޕެރަ" ކުޅުންތެރިންނަށް ބޮޑުކުރި އެލަވަންސް ލިބެމުންދާނެ ކަމުގައި މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ. 

ކުޅިވަރު ވުޒާރާއިން އަންގާފައިވާ ގޮތުގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 15 އިން ފެށިގެން އެސޯސިއޭޝަންތަކުގެ މުސާރަ ޝީޓްތަކުގައި 7،000 ރުފިޔާގެ އެލަވަންސް ހިމަނަންވާނެއެވެ. އަދި 2025 ވަނަ އަހަރުގެ މޭ މަހުން ފެށިގެން އިތުރުކުރެވުނު މުސާރައިގެ ބާކީ ހުރި އަދަދު ކުޅުންތެރިންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު