ENGLISH

18 އޮކްޓޯބަރު 2025

Advertisement

މާލީ ސިޔާސަތުގެ ހެޔޮ އަސަރު؛ ރަސްމީ ރިޒާވަށް 131 އިންސައްތައިގެ އިތުރުވުމެއް

18 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވް ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 131 އިންސައްތަ އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

ދައުލަތުގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުންވަނީ ތަފާތު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ކުރިން ދިވެހި ރުފިޔާއިން ދައްކަމުން އައި ބައެއް ޓެކުސްތައް ބޭރު ފައިސާއިން ދެއްކުން ލާޒިމުވާ ގޮތަށް ޓެކުހާ ބެހޭ އުސޫލުތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބަދަލުތަކެއް ގެނެސްފައިވެއެވެ. 

މީގެ ކުރިން އެމްއެމްއޭއަށް ރިޒާވްގައި ރައްކާކުރަން ބޭރު ފައިސާ ލިބޭ ހަމައެކަނި ގޮތަކީ ސަރުކާރަށް ނުވަތަ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން އެމްއެމްއޭއަށް ވިއްކާ ބޭރު ފައިސާއެވެ. ނަމަވެސް މި ސަރުކާރުންވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ، ވިޔަފާރި ބޭންކުތަކަށް ބޭރު ފައިސާ ލިބި، އެ ފައިސާއިން މިންވަރެއް މީރާއަށް ގަނެވޭނެ ގޮތަށް އިންތިޒާމު ތަރުތީބުކޮށްފައެވެ. 

ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަަށް ރަސްމީ ރިޒާވްގައި 859.5 މިލިއަން ޑޮލަރު ހުރިކަމަށް މަރުކަޒީ ބޭންކުގެ މާލީ ހިސާބުތަކުން ދައްކައެވެ. 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 371.2 މިލިއަން ޑޮލަރެވެ. 

އެހެންކަމުން ސަރުކާރުން ތަންފީޒުކުރި ސިޔާސަތުތަކާއެކު، ރިޒާވްއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، ދައުލަތުގެ ރަސްމީ ރިޒާވް 131 އިންސައްތައިން އިތުރުވެފައިވެއެވެ. 

އޭގެ އިތުރަށް ރަސްމީ ރިޒާވް އެސެޓުތަކުގެ ތެރޭގައި ނުހިމެނޭ ނަމަވެސް ރިޒާވްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހުންނަ އަދަރ ފޮރިން ކަރަންސީ އެސެޓުގެ އަދަދުވެސް ފާއިތުވި މުއްދަތުގައި ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް "އަދަރ ފޮރިން ކަރަންސީ އެސެޓް"ގެ ގޮތުގައި އެމްއެމްއޭގެ މާލީ ހިސާބުތަކުން ދައްކަނީ 2.4 މިލިއަން ޑޮލަރެވެ. މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އެ އަދަދު 116.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ. 

އޭގެ އިތުރަށް ބޭނުންކުރެވޭ ރިޒާވްވެސް ވަރަށް ބޮޑަށް އިތުރުވިކަން މާލީ ހިސާބުތަކުން ދައްކައެވެ. އެގޮތުން ރަސްމީ ރިޒާވް އެސެޓުތަކާއި އެހެނިހެން ބޭރު ފައިސާަގެ އެސެޓުތައް އެއްކޮށްލުމަށްފަހު ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އެ އަދަދުން އުނިކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 194 މިލިއަން ޑޮލަރު ހުރިކަން މާލީ ހިސާބުތަކުން ދައްކައެވެ. 

ރަސްމީ ރިޒާވްއާއި ބޭނުންކުރެވޭ ރިޒާވް ހީނަރުވުމަކީ ރާއްޖެއިން ނަގާފައިވާ ބޭރުގެ ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު ބޮޑުވުމަށް މެދުވެރި މައިގަނޑު އެއް ސަބަބެވެ. އެހެންކަމުން ރިޒާވްގެ ހާލަތު ރަނގަޅުވެ، ބޭރު ފައިސާގެ ރިޒާވްގައި ރައްކާކުރެވިފައި ހުރި ފައިސާ އިތުރުވުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވާނެ ސަބަބެއްކަމަށް މާހިރުން ދެކެވަޑައިގަންނަވައެވެ. 

ކިޔުންތެރިންގެ ހިޔާލު