ENGLISH
18 އޮކްޓޯބަރު 2025
އެސްޓީއޯއިން އެތެރެކުރާ ކާބޯތަކެތި ވިއްކަން ހުޅުމާލޭގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށައިފި
18 އޮކްޓޯބަރު 2025
|
ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެތެރެކޮށް ހެޔޮއަގުގައި އެސްޓީއޯއިން ވިއްކަން ފަށާފައިވާއިރު، އެތަކެތީގެ އިތުރުން ޒަރޫރީ އެހެނިހެން މުދާ ފަސޭހައިން ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުޅުމާލޭގައި ފިހާރައެއް ހުޅުވަން އެކުންފުނިން ނިންމައިފިއެވެ.
އޮކްޓޫބަރު 15 ވަނަ ދުވަހު އެސްޓީއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝިމާދު އިބްރާހީމް ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ މަސައްކަތްކުރަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ފިހާރަ ހުޅުވަން ކަމަށެވެ. އެސްޓީއޯއިން އެމަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ އިތުރުން ދެވަނަ ފިޔަވަހީގައި ވެސް އެސްޓީއޯގެ ފިހާރައެއް ހުޅުވަން މަސައްކަތްކުރައްވާނެކަމަށް ޝިމާދު ވިދާޅުވެފައިވެއެވެ. ފުރަތަމަ ފިހާރަ ހުޅުވަން އެސްޓީއޯއިން މަސައްކަތްކުރަނީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިންނެވެ.
އެސްޓީއޯގެ ފިހާރައެއް މިހާރު ހުޅުމާލޭގައި ނުހުރުމަކީ އާއްމުންގެ ކަންބޮޑުވުމެއް ކަމަށް ޝިމާދު ވިދާޅުވިއެވެ. އެސްޓީއޯއިން ހުޅުމާލޭގައި ހުޅުވާ ފިހާރައާއެކު އެކުންފުނިން މާލޭގައި ވިއްކާ މުދަލާއި މިހާރު އެތެރެކުރަން ފަށާފައިވާ އަސާސީ ކާބޯތަކެތި ފަސޭހައިން ގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތެއް ރާއްޖެ އެތެރެކޮށް އެސްޓީއޯއިން ހެޔޮއަގުގައި ވިއްކަން ފެށިކަން އިއުލާނުކުރީ އޮކްޓުބަރު 15 ވަނަ ދުވަހެވެ.
އެސްޓީއޯއިން ބާޒަރަށް ނެރުނު 23 ބާވަތަކީ، ދޮންކެޔޮ، ފިޔާ، އާފަލު، އިނގުރު، އޮރެންޖު، ކެރެޓު، ލުނބޯ، ބަށި، ޖުމްހޫރީމޭވާ، ކައްޓަލަ، އަނބު، އަލުވި، ފަޅޯ، ކެބެޖު، ކަރާ، ބަރަބޯ، މިރުސް، ބޯވެލި، މޭބިސްކަދުރު، ލޮނުމެދު، ރީނދޫ މުގު، ކާށި އަދި ކުކުޅު ބިހެވެ.