ENGLISH
18 އޮކްޓޯބަރު 2025
މަސްވެރިކަން ދަސްކުރަން ރަނުގެ ފުރުސަތެއް؛ ވޯލްޑް ބޭންކާ ގުޅިގެން ޒުވާނުން މަސްވެރިކަމަށް ތަމްރީނުކުރަނީ
18 އޮކްޓޯބަރު 2025
|
ކަޅުބިލަމަސްވެރިކަން ކުރާ އޮޑިއެއް، ފޮޓޯ: ހުވަދޫ
މަސްވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކޮށް އެ ދާއިރާއަށް ޒުވާނުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެއްދުމަށް ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ފިޝަަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހާއްސަ ޕްރޮގުރާމެއް ހިންގަަން ނިންމަައިފިއެވެ.
އެ މިނިސްޓްރީން ބުނެފައިވާ ގޮތުން މި ޕްރޮގުރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުވެރިކަން އުފައްދައި، އެ ދާއިރާގެ އެކި މަސައްކަތްތަކާ ގުޅޭ ތަމްރީނާއި ހުނަރު ޒުވާނުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
މިނިސްޓްރީން ބުނެފައިވަނީ މިއީ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ތިން މަސްދުވަހުގެ ތަމްރީނު ޕްރޮގުރާމެއް ކަމަށެވެ.
މި ޕްރޮގުރާމުގެ ބައިވެރިންނަށް މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށްދޭނެއެވެ. އަދި އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވެ އެ ދާއިރާގެ މަސައްކަތް ތަޖުރިބާކުރުމުގެ ފުރުސަތުވެސް ބައިވެރިންނަށް ފަހިވާނެ ކަމުގައި މިނިސްޓްރީން ބުންޏެވެ.
އެގޮތުން ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އޮޑިފަހަރުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އޮޑިއެއްގައި އެ އޮޑީގެ ކެޔޮޅާއި ފަޅުވެރިންނާއެކު ހަރަކާތްތެރިވެ، އަމަލީ ގޮތުން މަސްވެރިކަން ކުރާ ގޮތް ދެނެގަނެ ތަޖުރިބާކުރުމުގެ ފުރުސަތު މި ޕްރޮގުރާމުގެ ބައިވެރިންނަށް ލިބޭނެއެވެ.
އަދި ރާއްޖޭގެ އެންމެ ފުންނާބުއުސް ތަޖުރިބާކާރު ކެޔޮޅުން ކައިރިން މަސްވެރިކަމުގެ އަމަލީ ހުނަރުތައް ދަސްކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމުގައި މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގުރާމު ފަށާނީ އަންނަ ނޮވެންބަރު މަހުއެވެ. އަދި ޖަނަވަރީ މަހުގެ ނިޔަލަށް އެ ޕްރޮގުރާމު ކުރިއަށްގެންދާނެ ކަމުގައި މިނިސްޓްރީން ބުންޏެވެ. މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިނުވާ އުމުރުން 24 އަހަރުން ދަށުގެ ޒުވާނުންނަށް މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. އަދި 18 އަހަރުނުވާ ކުދިންނަށް ބެލެނިވެރިންގެ ހުއްދައާއެކު މި ޕްރޮގުރާމުގައި ބައިވެރިވެވިދާނެއެވެ.
މި މަހުގެ 23 ވަނަ ދުވަހާ ހަމައަށް މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ މީހުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު މިނިސްޓްރީންވަނީ ހުޅުވައިލާފައެވެ.