ENGLISH
03 އޮކްޓޯބަރު 2025
ފުލުހުންގެ އޮޕަރޭޝަނަކަށް މާލޭގެ ބައެއް ސަރަަހައްދުތައް މިރޭ ބަންދުކުރާނެ
03 އޮކްޓޯބަރު 2025
|
މަގުމަތި ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: ފުލުހުން
މިރޭ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް އާއްމު ޓްރެފިކަކާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ މާލޭގެ ބައެއް މަގުތައް ބަންދުކުރަން ނިންމާފައިވާއިރު އިދިކޮޅު އެމްޑީޕީން މަލޭގައި އެއްވުމެއް ބާއްވަން ނިންމާފައިވެއެވެ. ފުލުހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއްވުމުގެ ނިވަލުގައި މާލޭގެ މަގުމަތީގެ ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުން މީސްމީޑިޔާގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
އިތުރަށް ފުލުހުންވަނީ އެ ފިޔަވަޅުތަކާ ގުޅިގެން އާއްމުންގެ އެއްބާރުލުމަށް އެދުމާއެކު، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭކަމަށް ބުނެފައެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ހުއްދަ ދީފައިވާ ރޫޓުން ބޭރުން ހިނގައި، ބައިބައަށް ބެހިގެން މާލެ ތެރެއަށް ފެތުރިގަނެ، ކުށްކުރާ ގުރޫޕުތައް ބައިވެރިކޮށްގެން ތަންތަނަށް ގެއްލުންދީ ހަމަޖެހުން ނަގައިލުމަށް ރާވަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފުރުސަތު ނުދޭނެ ކަމުގައި ބުނެފައިވެއެވެ.