ENGLISH

03 އޮކްޓޯބަރު 2025

Advertisement

އިމްރާނަަށް ޝައިޚް އިލްޔާސް؛ ޕާޓީގެ މެންބަރުންނަށް އޮޅުވާލައިގެން ކަންކަން ކުރުން ހުއްޓައިލަންނުޖެހޭތޯ؟

03 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ޝައިހު އިލްޔާސް ހުސައިންއާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވާ މުޒާހަރާއާ ގުޅިގެން އެ މުޒާހަރާގައި އެމްޑީޕީއާއެކު ބައިވެރިވާ އަދާލަތު ޕާޓީގެ ރައީސަށް އެ ޕާޓީގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ފާޑުވިދާޅުވެއްޖެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދާލަތު ޕާޓީން މިރޭގެ އެއްވުމުގައި ބައިވެރިވުމަށް ނިންމީ ޕާޓީގެ އިލްމުވެރިންގެ މަޖިލިސް ފަދަ އެއްވެސް ގުނަވަނަކަށް އެކަން ހުށަހަޅައި މަޝްވަރާކޮށްގެންނެއް ނޫނެވެ. ނަމަވެސް ޕާޓީގެ ރައީސް އަދި އެމްޑީޕީގެ ވެރިކަމުގައި ދާހިލީ ވަޒީރު ކަމުގައި ހުންނެވި ޝައިހް އިމްރާން އަބްދުﷲ އަމިއްލަފުޅަށް ކަމުގައި އެ ޕާޓީގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅަކު "އެމްއެމްޓީވީ"އަށް މައުލޫމާތު ދެއްވިއެވެ. 

އަދާލަތު ޕާޓީގެ އާއްމު ގުރޫޕަކަށް ޝައިޚް އިލްޔާސް ފޮނުއްވި މެސެޖެއްގެ ސްކްރީން ޝޮޓު މިޓީވީއަށް ލިބިފައިވެއެވެ. ޝައިޚުގެ މެސެޖުގައި އެ ޕާޓީގެ ވެރިންނާ ކުރެއްވި ސުވާލަކީ، ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރުކުރުވުމަށް އަދާލަތު ޕާޓީން ބަސް ބުނަންޖެހެނީ ވަކި ޕާޓީއެއްގެ ނިވަލުގައި އޮވެގެންތޯއެވެ. 

އަދާލަތު ޕާޓީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްލާމީ ފިކުރު ދިރުވައި އާލާކޮށް، އެ ފިކުރަށް ވަކާލާތުކުރާނެ ޕާޓީއެއް ބޭއްވުމުގެ މަގުސަދުގައި އުފެއްދި ޕާޓީއެއް ނަމަވެސް، އެ ޕާޓީގެ ރައީސްކަމަށް އިމްރާން ވަޑައިގެންނެވި ފަހުން އެ ޕާޓީ މަސައްކަތްކުރަމުންދަނީ އިމްރާނު ބޭނުންފުޅުވާ އަމިއްލަ ސިޔާސީ މަންފާތަކެއް ހާސިލުކުރުމަށް ކަމުގައި އެ ޕާޓީގައި މަސައްކަތްކުރައްވާ ބައެއް ބޭފުޅުން ތުހުމަތުކުރައްވައެވެ. 

އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގައި އިންތިހާބުވި ހުރިހާ ސަރުކާރުތަކާ ދެކޮޅަށް އިމްރާނުގެ ލީޑާޝިޕުގައި އަދާލަތު ޕާޓީ ނުކުމެފައިވެއެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނުގެ އިސްތަށިފުޅުގައި އިމްރާނުވަނީ ބޮޑެތި ތުހުމަތުތައް އަޅުއްވައި، އެ ބޭފުޅުންނާ ދެކޮޅަށް ސިޔާސީ ހަރަކާތް ހިންގަވާފައެވެ. 

އިމްރާނަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވަނީ 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާގައި ކަރުދާސްތަކެއް ދެއްކެވުމަށްފަހު އަލްމަރުޙޫމް ޑރ.އަފްރާޝީމް އަލީގެ ގަތުލާއި ރައީސް ޔާމީނާ ގުޅުން އޮތްކަމުގެ ކިތާބީ ހެކި އެބަހުރި ކަމަށް ވިދާޅުވި ނަމަވެސް ހޯމް މިނިސްޓަރު ކަމުގައި ފަސް އަހަރު ހުންނެވިއިރު އެ ތުހުމަތުތައް ސާބިތުކޮށްނުދެއްވުމުގެ ސަބަބުންނެވެ. 

ޝައިޚް އިލްޔާސް ގްރޫޕުގައި ކުރެއްވި މެސެޖުގައި ތުހުމަތުކުރެއްވި ގޮތުގައި ސިޔާސީ ބައެއް ކަންކަން އެ ޕާޓީގެ ލީޑާޝިޕުން ކުރިއަށްގެންދަނީ އޮޅުވާލައިގެންނެވެ. ސީދާ ވަކިކަމެއް ވިދާޅުނުވެ ޝައިހު ކުރެއްވި ސުވާލަކީ ޕާޓީގެ އާއްމު މެންބަރުންނަށް އޮޅުވާލައިގެން ކަންކަން ކުރުން ހުއްޓައިލަންނުޖެހޭތޯއެވެ. 

ރާއްޖޭގެ ތިންވަނައަށް އެންމެ ނުފޫޒުގަދަ ޕާޓީގެ ގޮތުގައި ގިނަ ބަޔަކު ދުށް އަދާލަތު ޕާޓީގެ ރައީސްކަމުގައި ހުންނަވައިގެން އިމްރާނު ހިންގެވި ސިޔާސަތުތަކާއި އަމަލުތައް ބެހެއްޓެވި ގޮތުން އެ ޕާޓީގެ އަގުވެއްޓި ގިނަ ބައެއްގެ ތާއީދު ގެއްލި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެ އެކަހެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު