ENGLISH
03 އޮކްޓޯބަރު 2025
އެމްޑީޕީން ކުރިއަށްގެންދަން އުޅޭ މުޒާހަރަކީ ގޮތް ހުސްވެގެން އަމާންކަން ނަގައިލަން ހިންގަން އުޅޭ ހަރަކާތެއް: ޝިޔާމް
03 އޮކްޓޯބަރު 2025
|
މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު، ފޮޓޯ: ޕީއެސްއެމް
އެމްޑީޕީން މިރޭ މާލޭގައި ބާއްވަން ރާވާފައިވާ މުޒާހަރާއަކީ ގޮތް ހުސްވެގެން ސިޔާސީ ގޮތުން ކުޅިފަސް ހޯދޭނެ އިތުރު ގޮތެއް ނެތިގެން މަގުތަކަށް ނުކުމެ ގައުމުގެ އަމާންކަން ނަގަައިލުމަށް ރާވައިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ސަރުކާރުން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ނައިބުރައީސް އަދި މަސްވެރިމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. ނިމުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނައިފަރު ދާއިރާ ތަމްސީލުކުރެއްވި ޝިޔާމު ވިދާޅުވީ އެއިރު އެމްޑީޕީ ސަރުކާރުގެ ތެރޭގައި ހިނގަމުންދިޔަ ވައްކަމާއި ކޮރަޕްޝަނުގެ ވާހަކަަ މަޖިލީހުގައި ތިއްބެވި މަދު އިދިކޮޅު މެންބަރުން ދައްކަވަމުން ގެންދެވި ކަމަށެވެ.
އިތުރަށް ވަޒީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ އާލަމީ ވަބާވެސް އެ ޕާޓީއަށްވީ ވައްކަންކުރަން ލިބުނު ރަނުގެ ފުރުސަތަކަށް ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުތަކާއި، އެޅި ކޮވިޑް ފެސިލިޓީތަކާއި، އެ ފެސިލިޓީތަކަށް ކޭޓަރިން ހެދުމާއި ކޮވިޑުގައި ރައްކާތެރިކަމަށް ބޭނުންކުރި މާސްކުތަކުންވެސް އެމްޑީޕީ ވެރިކަމުގައި ކުރީ ވައްކަން ކަމަށެވެ.
އޭގެ އިތުރަށް އެ ދައުރުގައި ހިންގި ތަރައްގީގެ ހުރިހާ މަޝްރޫއަކުން ވައްކަންކުރިކަމަށް ޝިޔާމު ތުހުމަތުކުރެއްވިއެވެ. އެގޮތުން މަގު ހެދުމުގެ މަޝްރޫއުތަކާއި، ހޮސްޕިޓާތައް އެޅުމާއި، ކުނި މެނޭޖުކުރާ ސެންޓަރުތައް ތަރައްގީކުރުން ފަދަ ހުރިހާ މަޝްރޫއެއްގެ ތެރެއިން އެމްޑީޕީން ވައްކަންކުރި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"މިހެން ގޮސް ކިޔާނެ ކަމެއް ނެތް ވައްކަން ނުކުރާ ހަމަ އެއްވެސް ދިމާލެއް އެއިރަކު ނެތް،" ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގައި ވައްކަންކުރުމާއި ހިޔާނާތްތެރިވުން ފެތުރިފައި އޮތް މިންވަރަށް އިޝާރާތްކުރައްވައި ޝިޔާމު ވިދާޅުވިއެވެ.
އަދި ފެނަކއިގެ ތެރެއިން އެއިރު ވައްކަންކުރަމުންދިޔައީ ފިއްކަނޑައިގެންދާ މިންވަރަށް ކަމަށާއި، މަޖިލީހުގެ ތެރެއިން އެ މައްސަލަތައް ބެލުމަށް ދެ ފަހަރު މަސައްކަަތްކުރި ނަމަވެސް ރައީސް ސޯލު މަޖިލީހުގެ ތެރެއިން އެކަން ހުއްޓުމަށް ގެންނަވައި، އެއިރު އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުންވެސް ބަދަލުކުރެއްވި ކަމަަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ އެމްޑީޕީ ވެރިކަމުގެ ފަސް އަހަރުން 64 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު، ވެރިކަން ނިންމައިލީ 250 މިލިއަން ރުފިޔާ މަސްވެރިންނަށް ނުދީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑައިލާ، ވިޔަފާރިތަކަށް ދޭންޖެހޭ އަށް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓައިގެން ކަަމަށެވެ.
އަދި މިހާރު ޑޮލަރުގެ އަގު ބޮޑުވެ، ޑޮލަރަށް ބާރު ބޮޑުވުމުގެ ފަހަތުގައި އޮތީ އެމްޑީޕީގެ ވެރިކަމުގައި ފައިސާ ޗާޕުކުރުން ކަމަށާއި، އެމްޑީޕީން ތަކެތީ އަގުބޮޑުވާނެ ގޮތަށް ކަންކަން ހިންގައި، ދިރިއުޅުމުގެ ހަރަދުތައް އުފުލި އާއިލާތައް ނިކަމެތިވާނެ ސިޔާސަތުތައް ތަންފީޒުކޮށް، އިޖުތިމާއީ ފޭރާން އެއްކޮށް ވީދާ ކުދިކޮށްލި ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތުވީ އިގުތިސާދުގެ ހުސް ތޮށިގަނޑު ކަމށާއި، ފައިސާ ޗާޕުނުކުރައްވަައި، އެއިރު އޮތް ހާލަތުން ގައުމު ނަންގަވައި، މަޝްރޫއުތައް ބާރު ދުވެލީގައި ހިންގަވަން ފެއްޓެވުމުން އެ މަންޒަރު ބަލަން ތިބުން ވާދަވެރި ސިޔާސީންނަށް ކެތްވާވަރުގެ ކަމަކަށް ނުވި ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
"މިއަދު އެމް.ޑީ.ޕީއިން ކުރިޔަށް ގެންދާ މުޒާހަރާ އަކީ ގޮތް ހުސްވެގެން ޤައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަޤްޞަދެއް ޙާސިލްކުރަން ބާއްވާ ހަރަކާތެއް.،" ޝިޔާމު ވިދާޅުވިއެވެ.
އިތުރަށް ޝިޔާމު ވިދާޅުވެފައިވަނީ މި ސަރުކާރުން ގާނޫނު ތަންފީޒުކުރުމުގައި ފަހަތަށް ނުޖެހޭނެކަމަށާއި، ރާއްޖޭގެ އަމާންކަން ނަގައިލާ މަގުތައް ހަލަބޮލިކޮށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކުޑަވެސް ޖާގައެއް ނުދޭނެ ކަމަށެވެ.