ENGLISH
03 އޮކްޓޯބަރު 2025
އައިފާން ދެއްކެވި ވާހަކަ އޮޅުވާލައިގެން ފަތުރަނީ ފިތުނަ
03 އޮކްޓޯބަރު 2025
|
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ފަރީދު. ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޣައްޒާގެ ހިސޯރު ފުނޑައިލުމަށް މަދަނީ ޖަމްއިއްޔާތަކުން އިސްނަގައިގެން ކުރިއަށްގެންދާ ފްލޯޓިލާއަށް އިސްރާއީލުން ހުރަސްއެޅުމާ ގުޅިގެން މަޖިލީހަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ރައްޔިތުންެގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ދެއްކެވި ވާހަކަފުޅުން ބައެއް އުނިއިތުރުކޮށްގެން ސޯޝަލް މީޑިޔާގައި އިދިކޮޅު އެކްޓިވިސްޓުން ފަތުރަން ފަށައިފިއެވެ.
އިދިކޮޅު މެންބަރުން މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި މިހާރުގެ ސަރުކާރުން ފްލޯޓިލާގެ ދިފާއުގައި މަސައްކަތް ނުކުރާކަމަށް ވިދާޅުވެ، ސަރުކާރުން ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އައިފާނު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުން ބަައެއް މީސްމީޑިޔާގައި ފަތުރައި ނުބައި މާނައެއް ދޭހަކޮށްދޭން މަސައްކަތްކުރާތީ އައިފާނުވަނީ އެކަމަށް ރައްދުދެއްވާފައެވެ.
އެގޮތުން އައިފާނު ވިދާޅުވީ މަޖިލީހުގެ ބަހުސްގައި ސަރުކާރު ކުށްވެރިވާ ގޮތަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ދައްކަވަމުންދާ ވާހަކަފުޅުތަކަަށް ރައްދު ދެއްވައި އޭނާ ދެއްކެވި ވާހަކަފުޅުގެ ބައެއް އުނި އިތުރުކުރުމަށްފަހު ދައުރުކުރަމުންދަނީ އޭނާ ދެއްކެވި ވާހަކަފުޅުގެ ހަގީގަތް އޮޅުވައިލުމަށް ކަމަށެވެ.
އައިފާން ވިދާޅުވީ އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އޮކްޓޯބަރު 7، 2023 ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް އުދުވާނީ ހަމަލާދީ، ކުށެއް ނެތް އާއްމުންނާއި ދިފާއުވާނެ ގޮތެއް ނެތް ރައްޔިތުންނާއި ކުރިމަތިލައި ކުރިއަށްގެންދަން ފެއްޓި ގަތުލު އާއްމާ ގުޅިގެން އެއިރު ދިވެހިރާއްޖޭގައި އޮތް ވެރިކަމާއި މަޖިލީހުން އަމަލުކުރި ގޮތުގެ ވާހަކަ ކަމަށެވެ.
އަދި އޭނާ ފާހަގަކުރެއްވީ އެއިރުގެ ސަރުކާރާއި މަޖިލީހުން އެ މައްސަލާގައި އަމަލުކުރި ގޮތާ ގުޅިގެން ދިވެހިން އެކަމާ ދެކޮޅަށް ކުރި މަސައްކަތް ކަމަށެވެ.
އެގޮތުން ހަނގުރާމައިގެ ނަމުގައި އާއްމުންނާއި މައުސޫމު ކުޑަކުދިން މަރަމުންދިޔަ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން ތިބި ޔަހޫދީން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވައިލާ ފުރަތަމަ ރައްޔިތުން މުޒާހަރާ ކުރީ އެމްޑީޕީ ސުޕަރ މެޖޯރިޓީ މަޖިލީހަކާއި އެ ޕާޓީގެ ސަރުކާރާ ދެކޮޅަށް ކަމަށް އައިފާން ވިދާޅުވިއެވެ.
އިތުރަށް އައިފާނު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެ ޕާޓީގެ އަޣުލަބިއްޔަތު އޮތް މަޖިލީހެއްގައި، އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ރައްޔިތުން އެދުނު ނަމަވެސް އެއިރު އެކަން ނުކުރެވި އޮއްވައި، ވެރިކަން ބަދަލުވެ ކޮންގްރެސް ޕާޓީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ރައްޔިތުން އެދުނު ގޮތަށް އިސްރާއީލު މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފައިވާ ކަމަށެވެ.
އިތުރަށް އައިފާން ވިދާޅުވީ އޭނާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅަކީ މަޖިލީހުގެ ބައެއް މެންބަރުން ކަންކަަމުގެ ހަގީގަތް އޮޅޭ ގޮތަށް ވާހަކަދައްކަވާތީ އެކަންކަމުގެ ހަގީގަތް ބަޔާންކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.