ENGLISH

03 އޮކްޓޯބަރު 2025

Advertisement

މިރޭގެ މުޒާހަރާއަކީ ގައުމު އިނދަޖައްސާލަން ކުރާ ކަމެއް، އެއްވެސް މީހަކު ބައިވެރިނުވުން އެދެން: ގާސިމް

03 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ގާސިމް އިބްރާހިމް. --ފޮޓޯ: ޖޭޕީ

އިދިކޮޅު އެމްޑީޕީން އިސްނަގައިގެން މިރޭ މާލޭގައި ބާއްވަން އުޅޭ މުޒާހަރާ އަކީ ގައުމު އިނދަޖައްސާލަން ކުރާ ކަމެއް ކަމަށާއި އެ މުޒާހަރާގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި އެވެ.

އާޓިފިޝަލް ބީޗުގައި އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާއާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ގާސިމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ ބިނާކުރަނިވި މުޒާހަރާއެއް ނޫން ކަމަށާއި އެއީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށެވެ.

"ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަނުދީ ވެރިކަން ހޯދަން، ގައުމު ފިތުނަކުރަން، ކުރަން އުޅޭ ނުބައި ކަމެއް އެއީ. އެއްވެސް ކަމެއް މި އޮތް ބޮޑު ދަރަނިވެރި ހާލަތުގައި ކޮށްދެވޭނެތީ ކުރާ ކަމެއް ނޫން،" ސޯޝަލް މީޑިއާގައި ގާސިމް ލިޔުއްވި ދިގު މެސެޖެއްގައި ވިދާޅުވެފައިވެ އެވެ.

ގާސިމް ވަނީ އެމަނިކުފާނުގެ ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކު އެ މުޒާހަރާގައި ބައިވެރި ނުވުމަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރަށް ކުރަން ޖެހިފައިވާ ކަމަކީ ވޭތުވެދިޔަ ތިން، ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑެތި ދަރަނިތައް ދެއްކުން ކަމަށެވެ. ގައުމަށް ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި ދަނީ ދަރަނި ދައްކަން ކަމަށެވެ. އަދި މި ދަރަނިތައް ނުދެއްކިއްޖެ ނަމަ ގައުމު ބަނގުރޫޓުވާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ އިތުރު ޓެކްސްތައް ނަގައިގެން ނަމަވެސް މި ސަރުކާރުން ދަނީ ދަރަނިތައް ދައްކަމުން ކަމަށާއި އެގޮތް މިގޮތް ހަދައިގެން ނަމަވެސް މުސާރަތައް ވެސް އެގެންދަވަނީ ބޮޑުކުރައްވަމުން ކަމުގައި ގާސިމް ވިދާޅުވި އެވެ.

އިސްވެ ދިޔަ ތިން، ހަތަރު ސަރުކާރުގައި ކުންފުނިތަކުން ބޮޑެތި ޚިޔާނާތްވެފައިވާކަން ފާހަގަ ކުރައްވާ ގާސިމް ވަނީ އެ ސަރުކާރުތަކުން އެޅީ ކޮން ފިޔަވަޅެއްތޯ ސުވާލު ކުރައްވައިފަ އެވެ. އޭގެ ބަދަލުގައި މި ސަރުކާރުން ގެންދަވަނީ ޚިޔާނާތް ހިންގާކަމަށް ތުހުމަތު ކުރެވޭ މީހުން ކުންފުނިތަކުން ވަކިކުރަމުންކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުތެރޭގައި ޚިޔާނާތް ނުހިންގަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ތަކުރާރުކޮށް، ފާޅުކަން ބޮޑުގޮތެއްގައި ނަސޭހަތްތެރިވެ އިންޒާރު ދެއްވަމުންކަން ގާސިމްގެ މެސެޖުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ވީމާ މި މުޒާހަރާ އިން ނުކުންނާނެ ނަތީޖާ އަކީ ގައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން. އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވައި އިނދަޖައްސާލުން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ގައުމުގެ އަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރަން އިލްތިމާސް ކުރައްވައިފަ އެވެ. އަދި މި މުޒާހަރާ އަކީ ގައުމު އިނދަޖައްސާލަން ކުރާ ކަމެއް ކަމަށާއި އެއީ އެއްވެސް މީހަކަށް އޮތް ބާރެއް ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންވެ ގާސިމް ވަނީ މުޒާހަރާގައި އެއްވެސް މީހަކު ބައިވެރިނުވުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ގާސިމްގެ މެސެޖް ނިންމަވާލައްވާފައި ވަނީ މިއީ ދީނީ ގޮތުން އަދި ގާނޫނީ ގޮތުން ވެސް ކަންއޮތް ގޮތްކަން ހަނދާންކޮށްދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު