ENGLISH
18 ޖުލައި 2025
"މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ އޯޕަން ބައިގެ ޗެމްޕިއަންކަން ސައްޔިދު ހޯދައިފި
18 ޖުލައި 2025
|
މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ ސައްޔިދު. --ފޮޓޯ: ސިޑިބަރި
ދިވެހި ސަރފް ލީގު 2025 ގެ ފުރަތަމަ މުބާރާތް ކަމަށްވާ، "މުލީކޮޅު ރާޅުގަނޑު" ގެ ޖޫނިއާ އޯޕަން ބައިގެ ޗެމްޕިއަންކަން ސައްޔިދު ސަލާހުއްދީން ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ސައްޔިދު ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރީން، މުލީގައި ބޭއްވި ތިން މުބާރާތުގެ ޖޫނިއާ ބައިގައި އޭނާ އަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.
މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ސައްޔިދު ހޯދާފައިމިވަނީ، މިއަދު ކުރިއަށްދިޔަ ޖޫނިއާ ބައިގެ ފައިނަލް ހީޓުގައި ޔޫސުފް ކަޔާން ހަމްދާން ޒަކީގެ މައްޗަށް ކުރިހޯދައިގެންނެވެ.
އެގޮތުން، ސައްޔިދު ވަނީ ހަތަރު ރާޅުގެ ތެރެއިން 9.67 ޕޮއިންޓާއި، 8.33 ޕޮއިންޓާއެކު، ރެކޯޑް ސްކޯއެއް ކަމަށްވާ، 18 ޕޮއިންޓް ހަމަކޮށްފައެވެ. މިއީ މިއަހަރުގެ ދިވެހި ސަރފް ލީގުގެ އެންމެ މަތީ ސްކޯ އެވެ.
މި ހީޓުގައި ކަޔާން ވަނީ، 4.33 ޕޮއިންޓާއި، 8.50 ޕޮއިންޓާއެކު މުޅި ޖުމްލަ 12.83 ސްކޯ ހަމަކޮށްފައެވެ.
މީގެއިތުރުން، ސައްޔިދު ވަނީ، މި ފަހަރުގެ މުބާރާތުގެ މެންސް އޯޕަން ބައިގައި ވާދަކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ސެމީގައި ސައްޔިދު ބަލިވީ، އިސްމާއިލް ރަޝީދު (ސްމައިލީ) އަތުން ހަތަރު ޕޮއިންޓްގެ ފަރަގަކުންނެވެ.
އެމްއެސްއޭގެ ދިވެހި ސަރފް ލީގުގައި ދެން އޮންނާނީ ދެ މުބާރާތެވެ. އެއީ، ލ. މާބައިދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ކެރަންދޫ" އާއި މާލޭގައި ބާއްވާ "ރަންނަމާރި ޗެލެންޖް" އެވެ.