ENGLISH

07 ޖޫން 2026

Advertisement

ރައީސް، ޤައުމު ބިނާކުރުމުގައި؛ އިދިކޮޅު ވެރީން ފިތުނަ އުފެއްދުމާ ޤައުމު ހަލަބޮލިކުރުމުގައި

07 ޖޫން 2026

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވެރިކަމަށް ވަޑައިގެންނެވީ ދިވެހީން އެދޭފަދަ "ދިވެހީންގެ ރާއްޖެ" އެއް ހޯއްދަަވައިދެއްވުމުގެ ތަސައްވުރާއެކު އެވެ. އެ ތަސައްވުރުގައި ދިވެހިރާއްޖެ އަކީ އިޤްތިސާދީ ގޮތުން ފުއްދުންތެރި ޤައުމެކެވެ. ދިވެހި ދައުލަތަކީ ދަރަނި ދެއްކޭނެ ޤާބިލްކަން ހުރި ދައުލަތެކެވެ. ތަރައްޤީގެ ބިޔަ މަޝްރޫޢުތަކާއެކު ދިވެހީންނަކީ ފުއްދުންތެރި ބައެކެވެ. ދިވެހި މި މުޖްތަމަޢު އަކީ އިސްލާމްދީނުގެ އަސާސްތައް ފުރިހަމައަށް ތަންފީޒު ކުރެވޭ ދީނުގެ ރިވެތި އާދަތައް ފެންނަ މުޖްތަމަޢު އެކެވެ.

ދިވެހީންނަކީ އަޚްލާޤީ ގޮތުން ފާހަގަކޮށްލެވޭ ނަމޫނާ ބައެކެވެ. ބައިބައިވުމާއި ހަމަނުޖެހުން ނެތް އެކުވެރި މުޖްތަމަޢު އެކެވެ. ނުރަނގަޅު އާދަތަކާއި ބީރައްޓެހި ޒުވާން ޖީލެއް އޮތް ޤައުމެކެވެ. ޤައުމިއްޔަތު ދިރި އޮތް ދީނަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މުޖްތަމަޢު އެކެވެ.

އެ ތަސައްވުރު ޙަޤީޤަތަކަށް ހެއްދެވުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު އެމަނިކުފާނު ވަނީ މަސައްކަތް ފައްޓަވާފަ އެވެ. އެމަނިކުފާނުގެ އިފްތިތާޙީ ތަޤުރީރުގައި ވަނީ ރާއްޖެއާއިމެދު ކުރައްވާ އުންމީދުތަކާއި އެމަނިކުފާނު ބޭނުންފުޅުވާ "ދިވެހީންގެ ރާއްޖެ" ގެ ޙަޤީޤީ ތަސައްވުރު ހިއްސާކުރައްވާފަ އެވެ.

އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ޙަޤީޤީ ތަރައްޤީ ގެނެވޭނީ މުޖްތަމަޢުގައި އަޚްލާޤީ ރަނގަޅު ސިފަތައް އަށަގެންނެވިގެންނެވެ. ޒުވާނުންނަކީ ބޭނުންތެރި ބަޔަކަށް ހެދިގެންނެވެ. އެ ޤައުމަކަށް ނިސްބަތްވާ ކޮންމެ މީހަކީ ޤައުމިއްޔަތަށް ލޯބިހުރި ރައްޔިތަކަށް ހަދައިގެންނެވެ. ނުރަނގަޅު އާދަތަކުން ދުރު މުޖްތަމަޢުއެއް ބިނާކޮށްގެންނެވެ.

އެކަންކަން ނުވާނަމަ އުސް އިމާރާތްތަކާއި ޒަމާނީ ބަދަލުތަކުން ކުރާނެ ޙަޤީޤީ އަސަރެއް ނެތެވެ. އެހެން ކަމުން ރައީސްގެ ޒަޢާމަތުގައި ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް ދެއްްވީ އެފަދަ މުޖްތަމަޢުއެއް ބިނާކުރެއްވުމުގެ މަސައްކަތަށެވެ. ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަން ދެއްވި އިސްކަން އެކަންކަމަށް ވެސް ދެއްވި އެވެ.

އެގޮތުން ދިވެހި ޤައުމިއްޔަތު ވަރުގަދަ ކުރެއްވުމަށް ޚާއްސަ މަސައްކަތްތަކެއް ވަނީ ފައްޓަވާފަ އެވެ. ޚާއްސަކޮށް ސުކޫލު، މަދަރުސާތަކުގައި "ޤައުމިއްޔަތު" ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވަން ފެއްޓެވުން ފާހަގަކުރެ އެވެ. މީގެ އިތުރުން ސުކޫލު، މަދަރުސާ ނިންމާ މުޖްތަމަޢުއަށް ނިކުންނަ ޒުވާނުންނަކީ ހަރުދަނާ، އުޅުންހުރި އަދި ހުނަރުވެރި ބަޔަކަށް ހެދުމުގެ މަޤްސަދުގައި "ވަތަނީ ޚިދުމަތުގެ ޕްރަގްރާމް" ފެއްޓެވި އެވެ.

މިއީ ދިވެހި ތާރީޚުގައި ވެސް މިފަދަ ޕްރަގްރާމެއް ފެއްޓެވި ފުރަތަމަ ފަހަރެވެ. އެ ޕްރަގްރާމްގެ ބައެއް ބުރުތައް ކާމިޔާބު ކަމާއެކު ނިންމާލާފައިވާއިރު އެ ޕްރަގްރާމްގެ ހެޔޮ އަސަރުތައް މިހާރުވެސް ވަނީ ފެންނަން ފަށާފަ އެވެ. ބެލެނިވެރީންނާއި މުޅި މުޖްތަމަޢުވެސް އެކަން ދަނީ ފާހަގަ ކުރަމުންނެވެ.

މުޖްތަމަޢުގެ އެންމެ މުހިންމު ބަޔަކީ ޒުވާނުން ކަމުގައިވީއިރު ދިވެހި ޒުވާނުންގެ ކިބައިގައި އަށަގަންނަމުން އައި ނުރަނގަޅު އާދަތަކުން އެ ޒުވާނުން ދުރުކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވި އެއް ކަމެކެވެ. އެކަމުގެ އެންމެ ބޮޑު މިސާލަކީ ރާއްޖެ އަކީ "ވޭޕް މަނާ" ޤައުމަކަށް ކަނޑައެޅުއްވުމެވެ. ރާއްޖެއަށް ވޭޕް އެތެރުކުރުން މަނާކުރުމާއި ވޭޕް ބޭނުން ކުރުން މަނާ ކުރެއްވުމެވެ.

އެ ފިޔަވަޅު އެޅުއްވިއިރު ބައެއް ޒުވާނުން އެ ވަބާގައި ޖެހިފައިވަނީ ކަންބޮޑުވާން ޖެހޭ ދަރަޖަކައަށެވެ. ވަރަށް ހަގު އުމުރުގައި ބައެއް ކުދީން ދިޔައީ އެ ވަބާގެ މަސްތުގައި ޖެހެމުންނެވެ. ނަތީޖާއެއްގެ ގޮތުން ވޭޕާއި އެކު މަސްތުވާތަކެތީގެ ތެރެއަށް ވަންނަ އާބާދީ ބޮޑުވަމުން ދިޔަ އެވެ. ވޭޕްގެ ތެރެއަށް މަަސްތުވާތަކެތި އަޅާ ބޭނުންކުރުމުގެ އެތައް މައްސަލަތަކެއް ފާހަގަވެ ޒުވާން ޖީލު، ހަލާކުވެދާނެ ކަމުގެ ބިރު އޮތީ ހީވެފަ އެވެ. އެހެން ކަމުން އެއްވެސް ސަރުކާރަކަށް އަޅަން ނުކެރުނު "ބޮޑު ފިޔަވަޅު" ރައީސް ވަނީ އަޅުއްވާފަ އެވެ. އެ "ހެޔޮ ފިޔަވަޅު" ގެ ނަތީޖާ މިއަދު ދަނީ ފެންނަމުންނެވެ. އެކަމަށް ރައްޔިތުން ޝުކުރުވެރިވެ އެވެ.

ހަމައެއާއެކު ދުންފަތުން ދުރު މުޖްތަމަޢުއެއް ބިނާކުރުމަށް ވެސް މުހިންމު ފިޔަވަޅުތަކެއް ވަނީ އަޅުއްވާފަ އެވެ. އެކަމުން ސަލާމަތްވާން ބޭނުންވާ މީހުންނަށް ޚާއްސަ ފަރުވާތައް ލިބޭނެ އިންތިޒާމު ހަމަޖެއްސެވި އެވެ. އެކަމަށް ޚާއްސަ ކްލިނިކުތައް ޤާއިމުކޮށްފައިވެ އެވެ. 

މީގެ އިތުރުން ދިވެހި މުޖްތަމަޢުއަކީ އިސްލާމްދީނުގެ ޝިޢާރުތައް ފުރިހަމައަށް ފާޅުކުރެވޭ މުޖްތަމަޢުއަކަށް ހެއްދެވުމަށް ބާރު އެޅުއްވުމުގެ ގޮތުން މިިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށްލަން ޖެހެ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ މުހިންމު ކޮންމެ ތަޤުރީރެއްގައި ހެން ނަމާދުގެ މުހިންމު ކަމާއި ރިވެތި އަޚްލާޤުގެ މުހިންމުކަން ފާހަގަ ކުރައްވަ އެވެ. ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި ނަފްރަތާއި ފަސާދައަށް ދޮރުތައް ހުޅުވޭނެ ފަދަ އަމަލުތަކުން ދުރުވުމުގެ ބޭނުންތެރިކަން ފާހަގަ ކުރައްވަ އެވެ. އެހެން އެއްވެސް ރައީސެއްގެ ތަޤުރީރުތަކުން ފާހަގަނުވާ މިންވަރަށް އެމަނިކުފާނުގެ ތަޤުރީރުތަކުގައި އެކަންކަން ފާހަަގަ ކުރައްވާފައިވެ އެވެ. 

އެހެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އޮތީ ޤައުމު ބިނާކުރުމުގެ ތަސައްވުރެކެވެ. މި އަސާސްތައް ނެތި ޤައުމެއް ބިނާ ނުކުރެއްވޭނެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވަ އެވެ.

އިދިކޮޅު އޮތީ ފިތުނަވެރި ވާހަކަތައް ފެތުރުމުގައި

މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ވާދަވެރީންގެ ފަރާތުން ފެނުނު ހަމައެކަނި ކަމަކީ ދޮގު ވާހަަކަތަކާއި ފިތުނަ އުފެއްދުން ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އާއިލާއާ ގުޅޭގޮތުންނެވެ. ސަރުކާރާއި ސަރުކާރުގެ ވެރީންނާއި ގުޅޭގޮތުންނެވެ.

އެކި ނަންނަމުގައި އެފަދަ ވާހަކަތައް ފެތުރުން އާންމުކޮށްފައިވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށެވެ. ސަރުކާރަށް އަމާޒު ކުރެވޭނެ ޙަޤީޤީ ފާޑުކިޔުމެއް ނެތުމުން އިދިކޮޅުގެ ވެރީންގެ ބަސްމަގުވެސް ބަދަލުކޮށްލީ ދޮގު ވާހަކަތަކާއި ފިތުނަވެރި ވާހަކަތައް ފެތުރުމަށެވެ.

އިދިކޮޅުގެ އިޙްތިޖާޖަކުން ނުވަތަ މުޒާހަރާ އަކުން ވެސް އެ ނޫން މަންޒަރެއް ނުފެނުނެވެ. ހުތުރު ވާހަކަތައް ދެއްކުމާއި ފެތުރުމާއި ނުބައި ބަސްތައް ނޫން އަޑެއް އިދިކޮޅުގެ އެއްވެސް ހަރަކާތަކުން ނުފެނުނެވެ.

އެފަދަ ކޮންމެ ވާހަކައަކާ ރައީސް މުޢިއްޒު ކުރިމަތިލެއްވީ ކެތްތެރިކަމާ އެކު އެވެ. ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށް ދެއްވަމުންނެވެ. އެފަދަ ފިތުނަވެރި، ދޮގު ވާހަކަތަކުން މުޖްތަމަޢު ސަލާމަތް ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ. އިދިކޮޅުގައި ތިއްބެވި ވާދަވެރީންގެ މައްޗަށް ސިޔާސީ އެކި ތުހުމަތުތައް އުފައްދާ ދަޢުވާ އުފުލާ ޖަލުގައި ބަންދުކުރުމަށް އެހެން ވެރީން ކުރެއްވި ކަންކަން ކުރައްވަން ރައީސް މުޢިއްޒު ބޭނުންފުޅެއް ނުވި އެވެ.

ރައީސްގެ އޮތް ކަންބޮޑުވުމަކީ ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީތަކެއް ނެތުމެވެ. ސަރުކާރު ޒިންމާދާރު ކުރުވާ ޤައުމާއި ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވާނެ އިދިކޮޅު ލީޑަރުންތަކެއް ނެތުމެވެ. އެހެނީ ޙަޤީޤީ ޑިމޮކްރެސީއެއްގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ މުހިންމުކަން ރައީސަށް ވިސްނިވަޑައިގަންނަވަ އެވެ. ނަމަވެސް މިވަގުތު އިދިކޮޅު ޕާޓީތަކުން އެފަދަ އެއްވެސް މަންޒަރެއް ނުފެނެ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ޒިންމާދާރު މަސައްކަތްތައް ދޫކޮށް ޒާތީ ފިތުނައާ ޤައުމު ހަލަބޮލިކުރުން އިޚްތިޔާރުކުރީ ރައީސް މުޢިއްޒުގެ ޢަޒުމު، އެގޮތުން ބަލިކުރެވިދާނެ ކަމަށް ދެކިގެން ކަމަށް ވެދާނެ އެވެ. ނަމަވެސް މިދިޔަ ދެ އަހަރާއި ބައިގެ މަސައްކަތުން ރައީސްގެ ޢަޒުމަށް ކުޑަވެސް ބަލިކަށި ކަމެއް ނުގެނެވުނެވެ. ނުވެސް ގެނެވޭނެ އެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ލިޔެވިފައިވާ އަދި ތަންފީޒު ކުރެވޭނެ ހަރުދަނާ މެނިފެސްޓޯއަކާ އެކު އެވެ. އެއީ ދިވެހި ޤައުމު ބިނާކުރުމުގެ ތަސައްވުރެވެ. ދިވެހީން އެދޭ "ދިވެހީންގެ ރާއްޖެ" ހޯދުމުގެ ތަސައްވުރެެވެ. އިދިކޮޅު ޕާޓީތަކާއި އިދިިކޮޅުގެ ވެރީން ފިތުނަ އުފެއްދުމާ ޤައުމު ހަލަބޮލިކުރުމުގައި ތިބި ނަމަވެސް ރައީސް މުޢިއްޒު ގެންދަވަނީ ޤައުމު ބިނާކުރުމުގެ މަސައްކަތްޕުޅުގައި ކުޑަވެސް ވަރުބަލިކަމެއް ނެތި ކުރިއަށް ވަޑަައިގަންނަވަމުންނެވެ.

ޒަޢާމަތުގެ ދެ އަހަރާއި ބައިން އޭގެ ނަތީޖާ ވެސް ވަނީ ނެރެދެއްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު