ENGLISH

07 ޖޫން 2026

Advertisement

އަވަށްޓެރި ލަންކާއަށް މޫސުމީ ރަތް ސަމާލު، ރާއްޖެއިން ކަންބޮޑުވާނެ ހާލަތެއް ނެތް: މެޓް

07 ޖޫން 2026

|

އައިމިނަތު ޝަފާ

މޫސުން ގޯސްވެ، އަވަށްޓެރި ސްރީލަންކާއަށް ރަތް ސަމާލު ނެރެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާންޖެހޭނެ ހާލަތެއް ނެތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. 

މިއަދު ހެނދުނު 6:30 އިން މާދަމާ ހެނދުނު 10:30 އާއި ހަމައަށް ސްރީލަންކާގެ ގުދުރަތީ ހާދިސާތަކަށް ކުރިން ސަމާލުވުމަށް އަންގާ ސެންޓަރުން ރަތް ސަމާލު ނެރުނީ އެގައުމުގެ ބައެއް ސަރަހައްދުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށެވެ.

މިކަމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން "އެމްއެމްޓީވީ" އަށް ދިން މަޢުލޫމާތުގައި ބުނީ ލަންކާއިން މޫސުމީ ހާލަތު އިއުލާނުކުރީ ލަންކާ ހިމެނޭ ސަރަހައްދަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްކަމަށާއި ލަންކާގެ ހާލަތާ ގުޅިގެން ރާއްޖޭގެ ރައްޔިތުން ކަންބޮޑުވާންޖެހޭ ހާލަތެއް އަދި ނެތްކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރިއެވެ. 

އުތުރުގެ އަތޮޅުތަކަށް ވައިގަދަ ވާނެކަމަށް ލަފާކުރި ނަމަވެސް ދެކުނާއި މެދުރާއްޖެ ތެރޭގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފައެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. 

ކިޔުންތެރިންގެ ހިޔާލު