ENGLISH
07 ޖޫން 2026
އެސްއެމްއީ ޑިޖިޓަލްއިން މި މަހު ފުވައްމުލަކާއި އައްޑޫގައި ހަރަކާތްތަކެއް ހިންގަނީ
07 ޖޫން 2026
|
އެސްއެމްއީ ޑިޖިޓަލްއިން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގައި ކުދި ވިޔަފާރިތަކަށް ހާއްސަ ހަރަކާތްތަކެއް ހިންގަން އަންނަނީ ތައްޔާރުވަމުން. ފޮޓޯ؛ އެސްއެމްއީ ޑިޖިޓަލް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދައިދިނުމަށާއި، އެފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެސްއެމްއީ ޑިޖިޓަލް އިން ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ.
އެ ކުންފުނިން އެމްއެމްޓީވީއަށް ބުނީ މި މަހުގެ 10 އަދި 11 މި ދެދުވަހު ފުވައްމުލައް ސިޓީގައި ދެ ދުވަހުގެ އެންގޭޖްމަންޓް ޕްރޮގްރާމެއް ކުރިއަށްދާނެކަމަށެވެ.
މި ޕްރޮގްރާމްގައި ހާއްސަ އިސްކަމެއް ދޭނީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ އިސްލާމިކް މައިކްރޯ ފައިނޭންސިންއަށް އާންމުން އަހުލުވެރިކުރުމަށް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ. އެސްއެމްއީ ޑިޖިޓަލް އިން މިހާރު އެޕްލިކޭޝަން ބަލައިގަންނަމުންދާ މި ޕްރޮޑަކްޓްގެ ބޭނުމަކީ މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ އާންމު ފަރުދުންނާއި، ވިޔަފާރިވެރިންނަށާއި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް އެކުންފުނިން ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބާއްވާ މި ޕްރޮގްރާމްގެ ތެރޭގައި މާލީ ހޭލުންތެރިކުރުވުމުގެ ސެޝަންތަކާއި، ކަސްޓަމަރުންނާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާކުރުމާއި، އަދި ވަގުތުން ވަގުތަށް ފައިނޭންސިން އެޕްލިކޭޝަންތައް ހުށަހަޅައިދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
ފުވައްމުލަކުގެ ޕްރޮގްރާމަށްފަހު މި މަހުގެ 13 އިން 18 އަށް އެސްއެމްއީ ޑިޖިޓަލްއިން އައްޑޫ ސިޓީއަށް ޒިޔާރަތްކުރާނެއެވެ. މި ދަތުރުގައި ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ބައްދަލުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރާނެއެވެ. މީގެ އިތުރުން، ލިބެން ހުރި މާލީ ހައްލުތަކާއި ވިޔަފާރި ތަރައްގީ ކުރުމުގެ ފުރުސަތުތަކަށް ހޭލުންތެރިކުރުވުމަށްޓަކައި ކަސްޓަމަރުންނަށް ހާއްސަ ސެޝަންތަކެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި ހަރަކާތްތަކަކީ މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ފުޅާކުރުމަށާއި، އަދި މުޅި ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އިން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށެވެ.