ENGLISH

07 ޖޫން 2026

Advertisement

މަސް ގަންނަ އަގު 20 ރުފިޔާއަށް ބަދަލު ކުރުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރިއަށް: އެމްޑީ އަނަސް

07 ޖޫން 2026

|

އައިމިނަތު ޝަފާ

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަނަސް.

މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާ އަށް ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރު މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފެހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން މަސްވެރިން އަތުން މަސް ކިލޯއެއް ގަންނަ އަގު މިއަދު ވަނީ 18.50 ރުފިޔާއަށް ބޮޑުކޮށްފައެވެ. 

މިބަދަލާ ގުޅިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އެމްޑީ ވިދާޅުވީ މި ނިންމުން ނިންމީ މަސްވެރިންނަށް ހަމަ އަގު ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުންކަމަށެވެ. 

"މަސް ގަންނަ އަގު 18.50 ރުފިޔާއަށް ޖެއްސީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރިންނަށް ހަމަ އަގު ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދިނުމަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށް އަޅުގަނޑުމެންގެ ކޯލްޑް ސްޓޯރޭޖުތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ވެސް އެދަނީ ކުރިއަށް. އުއްމީދަކީ މަސްވެރިންނަށް ރަނގަޅު އަގެއް ހޯދައިނުން، އެގޮތުން 20 ރުފިޔާގެ ރޭޓަކަށް ޖެއްސުމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ،". އަނަސް ވިދާޅުވިއެވެ.

މަސް ގަންނަ އެންމެ ކުޑަ އަގު 20 ރުފިޔާ އަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ. 

މ. ދިއްގަރަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވީ މަސްގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް ވީ ވައުދު ފުއްދާނީ ހަމައެކަނި ނަމަކަށް ނޫން ކަމަށާއި މި ސިޔާސަތު ތަންފީޒުކުރަން ފަށާނީ ތަރުތީބު ކުރަން ޖެހޭ ކަންކަން ތަރުތީބުކޮށް، މެދުނުކެނޑި ކުރިއަށްދާނެ ކަން ޔަގީންކުރުމަށް ފަހު ކަމަށެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދިނުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ވައުދުފުޅާ އެއްގޮތަށް ސަރުކާރުން މިހާރު އަންނަނީ މަސްވެރިން، ބާނާ މަހަށް ފައިސާ ދޫކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު