ENGLISH
18 ޖުލައި 2025
"މުލީކޮޅު ރާޅުގަނޑު" ގެ ޗެމްޕިއަންކަން އައްމަޑޭ ހޯދައިފި
18 ޖުލައި 2025
|
މުބާރާތުގެ ޗެމްޕިއަންކަން ހޯދި އައްމަޑޭ. --ފޮޓޯ: ސިޑިބަރި
ސަރފިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްއެސްއޭ) އިން ބާއްވާ ދިވެހި ސަރފް ލީގު 2025 ގެ ފުރަތަމަ މުބާރާތް ކަމަށްވާ، "މުލީކޮޅު ރާޅުގަނޑު" ގެ މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން އަހުމަދު އާގިލް (އައްމަޑޭ) ހޯދައިފިއެވެ.
މިއީ މި މުބާރާތުގެ ޗެމްޕިއަންކަން އައްމަޑޭ ހޯދީ ތިންވަނަ ފަހަރެވެ. އޭނާ ވަނީ މުބާރާތް ބޭއްވި ފުރަތަމަ ދެ އަހަރު ކަމަށްވާ، 2022 އާއި 2023 ގައި ޗެމްޕިއަންކަން ހޯދައިފައެވެ.
މ. މުލީގައި ކުރިއަށްދިޔަ މުބާރާތުގެ މެންސް އޯޕަން ކެޓަގަރީގެ ފައިނަލް ހީޓުގައި އައްމަޑޭ ވަނީ އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށްފައެވެ.
މި ހީޓުގެ އެއްވަނަ މަގާމު އައްމަޑޭ ހޯދީ 0.74 ޕޮއިންޓުގެ ފަރަގަކުންނެވެ. އެގޮތުން، މުބާރާތުގެ ފައިނަލް ހީޓުގައި އައްމަޑޭ ވަނީ، ހަ ރާޅުގެ ތެރެއިން، 6.67 ޕޮއިންޓާއި، 5.40 ޕޮއިންޓާއެކު މުޅި ޖުމްލަ 12.07 ޕޮއިންޓް ހޯދައިފައެވެ.
ފައިނަލުގައި ބަލިވި ސްމައިލީ އަށް ހަތަރު ރާޅުގެ ތެރެއިން ކާމިޔާބުކުރެވުނީ، 5.33 ޕޮއިންޓާއި، 6.00 ޕޮއިންޓެވެ. މިއާއެކު، އޭނާ އަށް މުޅި ޖުމްލަ ލިބުނީ 11.33 ޕޮއިންޓެވެ.
އެމްއެސްއޭގެ މި އަހަރުގެ ދިވެހި ސަރފް ލީގުގައި ދެން އޮންނާނީ ދެ މުބާރާތެވެ. އެއީ، ލ. މާބައިދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ކެރަންދޫ" އާއި މާލޭގައި ބާއްވާ "ރަންނަމާރި ޗެލެންޖް" އެވެ.
އެމްއެސްއޭ އިން ބުނީ، އަހަރުގެ ފަހު މުބާރާތް ކަމަށްވާ، "ރަންނަމާރި ޗެލެންޖް" އަށް ހޮވޭނީ "މުލީކޮޅު ރާޅުގަނޑު" އާއި "ކެރަންދޫ"ގައި ވެސް ވާދަކޮށްފައިވާ އެތުލީޓުންނަށް ކަމަށެވެ. އަދި، ސަރފް ލީގުގެ އެއްވަނަ މަގާމަށް އެތުލީޓެއް ހޮވުމުގައި ބަލާނީ، ތިން މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯކުރި ދެ މުބާރާތެއްގެ ނަތީޖާއަށް ކަމަށްވެސް އެމްއެސްއޭ އިން ވަނީ ބުނެފައެވެ.