ENGLISH

18 ޖުލައި 2025

Advertisement

ރާއްޖޭގެ ބޮޑު ސަރަހައްދަަކަށް ރީނދޫ ސަމާލު ނެރެފި

18 ޖުލައި 2025

|

އިސްމާއީލް ރާތިއު

މިއަދު މޫސުން ގޯސްވެ، ލިބިފައިވާ ބައެއް ގެއްލުންތަކުގެ ތެރެއިން-- ފޮޓޯ: މޯލްޑިވްސް ޕޮލިސް

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލު ވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

މޫސުން ގޯސްވެ، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފައެވެ.

އެ އިދާރާއިން ބުނެފައިވަނީ، މިއަދު މެންދުރު 1:30-5:30 ދެމެދު، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި، މި ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން، ކަނޑުދަތުރު ކުރުމުގައި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ އިތުރުން ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން، ގދ. މަޑަވެލިން ދަތުރުކުރި ޑިންގީއެއް ގެއްލިގެން ވެސް މިއަދު ރިޕޯޓް ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ޑިންގީ ހޯދަމުންދަނިކޮށް، ބެހިގެން އޮޔާދިޔަ އިތުރު ޑިންގީއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރައިގައި ވައިގަދެވެ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު