ENGLISH
18 ޖުލައި 2025
ހާމަކަންބޮޑު ދަލީލާއެކު މެނުވީ މުސްލިމަކު، ކާފިރުކުރުން ހުއްދަ ނުވާނެ: ޚުޠުބާ
18 ޖުލައި 2025
|
ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށްފަހު ވަރުގަދަ ޙުއްޖަތާއި، ސާބިތު ހެއްކާއި، ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި، އޭނާ އެ ދާއިރާއިން ބޭރުކުރުމަކީ ޙަރާމް ކަމެއް ކަމަށް، މިއަދު ދިން ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން" މި މައުޟޫޢަށް ބިނާކޮށްފައިވާ ޚުޠުބާގައި ބުނެފައިވަނީ، ކާފިރުކުރުމަކީ މުސްލިމަކު، ނުވަތަ މުސްލިމް ޖަމާޢަތެއް ކުފުރަށް ނިޞްބަތްކުރުން (އެ މީހާއަކީ، ނުވަތަ އެ ބަޔަކީ މުސްލިމުން ނޫން ކަމަށް ބުނުން) ކަމަށާއި، އެ މީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަކުރުން ކަމަށެވެ. އަދި މި ކަމަކީ އެހާ ފަސޭހައިން ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.
މުސްލިމުން ކާފިރުކުރުމުގެ މައްސަލައަކީ ހިޖުރައިން ފުރަތަމަ ޤަރުނުން ފެށިގެންވެސް އޮތް މައްސަލައެއް ކަމަށާއި، މިކަންތައް ފެށިފައިވަނީ މުސްލިމުންގެ ހަތަރުވަނަ ޚަލީފާ، ޢަލީ رضى الله عنه އާއި މުޢާވިޔާ رضى الله عنه އާއި ދެމެދު ހިނގައިދިޔަ ޞިއްފީނު ހަނގުރާމައިގައި ޙަކަމުން މެދުވެރިކޮށް ވާހަކަދައްކައިގެން ހަނގުރާމަ ހުއްޓާލަން ރުހިވަޑައިގަތުމާ ގުޅިގެން ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އެހިސާބުން ޢަލީ رضى الله عنه ގެ ލަޝްކަރުން، ބަޔަކު ނުކުމެ، ޙަކަމުންގެ ގޮތުގައި އިންސާނުން ކަނޑައެޅުއްވީ ކީއްވެތޯ ސުވާލުކޮށް، "ﷲ އަށް މެނުވީ ޙުކުމްކުރެއްވުމެއް ނެތެވެ" ބުނިކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި މިކަމަށް ޢަލީ رضى الله عنه ދެއްވި ރައްދަކަށްވީ، "(އެ މީހުން އެ ބުނީ) ބާޠިލު ކަމަކަށް އެދިގެން ޙައްޤު ކަލިމައެއް" ކަމަށެވެ.
މުސްލިމަކާ ދިމާލަށް ބަދުބަސް ބުނުމާއި ޤަޛްފުކުރުމަކީ (ޒިނޭގެ ތުހުމަތު އެޅުވުމަކީ) ޝަރުޢީ ނައްޞުތަކުން (ޙުކުމްތައް ނެގޭ މަސްދަރުތަކުން) ސާފުކޮށް އެނގޭ ގޮތުގައި ކަނޑައެޅިގެން ޙަރާމް ކަންކަމަށް ވީއިރު، ހީއެއްގެ މައްޗަށް، ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް، މުސްލިމަކު، ކާފިރުކުރުން ހުއްދަ ނުވާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މިކަމަށް ބާރުދީ، ނިސާ ސޫރަތުގެ 94 ވަނަ އާޔަތް ބާވައިލައްވަން މެދުވެރިވި ސަބަބު، ޚުޠުބާގައި ގެނެސްފައިވެއެވެ. އެ ހާދިސާއަކީ، ބަނީ ސުލައިމުވަންހައިގެ މީހަކު ބަކަރިތަކެއް ގޮވައިގެން، ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞަޙާބީންތަކެއްގެ އަރިހުން ދަމުން އެ ބޭކަލުންނަށް ސަލާމް ގޮވާލުމުން، "އޭނާ އެ ސަލާމްގޮވީ ތިމަންމެންގެ ކިބައިން ސަލާމަތްވާން" ކަމަށް ވިދާޅުވެ، އޭނާ ޤަތުލުކުރެއްވިއެވެ. އަދި އޭނާގެ ބަކަރިތައް، މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ގެންދިޔައެވެ. މިކަމާ ގުޅުވައިގެން، އެ ބޭކަލުންގެ ނިންމެވުން ރަނގަޅު ނޫންކަން ބަޔާންކުރައްވާ، ނިސާ ސޫރަތުގެ 94 ވަނަ އާޔަތް ބާވައިލެއްވިއެވެ. އާޔަތުގެ މާނައިގައި ވަނީ: (އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ މަގުގައި ދަތުރުފަތުރުކޮށް އުޅޭހިނދު، ފަހެ (ކަންކަމުގެ) حقيقة ބަލައި އޮޅުންފިލުވާށެވެ! އަދި، ދުނިޔޭގެ ދިރިއުޅުމުގައި ލިބޭ ފައިދާއާއި، މުދަލަށް ތިޔަބައިމީހުން އެދޭ حال ގައި (إسلام دين ގެ سلام ން) ތިޔަބައިމީހުންނަށް سلام ކޮށްފިމީހަކަށް ތިބާއަކީ مؤمن އެއް ނޫނޭ ތިޔަބައިމީހުން ނުބުނާހުށިކަމެވެ! ފަހެ، ގިނަވެގެންވާ ފައިދާތައް ވަނީ اللَّه ގެ حضرة ގައެވެ. ތިޔަބައިމީހުން މީގެކުރިން ތިބިފަދައިންނެވެ. ދެން اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެ ވޮޑިގަތެވެ. ފަހެ، ތިޔަބައިމީހުން (ކަންކަމުގެ) حقيقة ބަލައި އޮޅުންފިލުވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.)
މުސްލިކަމާ ދިމާލަށް ކާފިރެކޭ ބުނުމުގެ ނުރައްކާތެރިކަން ދޭހަވާ އެތައް ކަމެއް، ޚުޠުބާގައި ގެނެސްފައި ވެއެވެ. އޭގެތެރެއިންވެސް އަންނަނިވި ޙަދީޘް ބަސްފުޅު ފާހަގަކޮށްލެވެއެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މީހަކު، އޭނާގެ އަޚާއާ ދިމާލަށް، 'އޭ މިހިރަ ކާފިރު މީހާއޭ' ބުނެފިނަމަ، ހަމަކަށަވަރުން އެތަނުން އެކަކަށް އެ ސިފަ ލިބޭނެތެވެ. އޭނާގެ އަޚާއަކީ އެފަދަ މީހެއް ނަމަ (ދީނުން ބޭރުވެފައިވާ މީހެއް ނަމަ) އެއީ ޞައްޙަ ބުނުމެކެވެ. ނޫންނަމަ އެ ބަސް ބުނި މީހާއަށް، އޭނާ ބުނި ބަސް ރުޖޫޢަވާނެއެވެ. (އޭނާގެ އަޚާއާ ދިމާލަށް ކާފިރު މީހާއޭ ބުނި މީހާ ދީނުން ބޭރުވާނެއެވެ.)"
ޖުހައިނާގެ ވަންހައެއް ކަމަށްވާ ޙުރަޤާއަށް، އަންޞާރިއްޔަ ބޭކަލާއެކު، އުސާމާ ބިން ޒައިދު رضى الله عنه ފޮނުއްވި ދަތުރުގައި ހިނގައިދިޔަ ހާދިސާއެއްވެސް ޚުޠުބާގައި ގެނެސްފައި ވެއެވެ. މި ދެ ބޭކަލުން، ޙުރަޤާގެ މީހަކު ހައްޔަރުކުރައްވާ، ޤަތުލުކުރައްވަން އުޅުއްވަނިކޮށް އެ މީހާ، لا إله إلا الله ކިޔުމުން، އަންޞާރީ، އޭނާ ދޫކޮށްލެއްވިއެވެ. ނަމަވެސް އުސާމާ رضى الله عنه އޭނާ ޤަތުލުކުރެއްވިއެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަށް މި ޚަބަރު ލިބިވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. "އޭނާ، لا إله إلا الله ކިއުމުންވެސް އޭނާ ޤަތުލުކުރެއްވީތޯއެވެ؟" އުސާމާ رضى الله عنه ދެންނެވިއެވެ. "އޭނާ ޝަހާދަތްކީ މަރުން ސަލާމަތްވުމަށެވެ." ދެންވެސް ޙަދީޘްކުރެއްވިއެވެ. "އޭނާ، لا إله إلا الله ކިއުމުންވެސް އޭނާ ޤަތުލުކުރެއްވީތޯއެވެ؟" އަދި އެތައް ފަހަރަތު މި ޢިބާރާތް ތަކުރާރުކުރެއްވިއެވެ.
ދެވަނަ ޚުޠުބާގައި ބުނެފައިވަނީ، މުސްލިމުން ކާފިރުކުރުމަކީ ޖާހިލުކަމާއި، ޝަރުޢީ ޙުކުމްތައް ދޭހަ ނުވުމާއި ޝުބުހަތަކަށް (ޝައްކުތަކަށް/ހީތަކަށް) ހެއްލުމުގެ ނަތީޖާކަމަށެވެ. އަދި މި ކަމުގެ ޙައްލަކީ ސުންނަތް ޖަމާޢަތުގެ މަންހަޖަށް ރުޖޫޢަވެ، އިންޓަރނެޓުން ފެންނަހާ އެއްޗަކަށް ހެއްލުމުގެ ބަދަލުގައި، އިތުބާރުހުރި ޢާލިމުންގެ އަރިހުން ކަންކަމުގައި ސުވާލުކޮށް، އެ ބޭފުޅުން އަރިހުން އުނގެނުންކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.