ENGLISH
18 ޖުލައި 2025
ކާވާ ޗެމްޕިއަންސް ލީގު: ސިފައިން އަތުން ނޭޕާލް ޓީމަށް ހަނިމޮޅެއް
18 ޖުލައި 2025
|
ސިފައިންނާ ނޭޕާލްގެ ނޭޕާލް ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކާވާ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ރާއްޖޭގެ ދިވެހި ސިފައިންގެ ކްލަބް އަތުން ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބުން ކުރިހޯދީ 3-2 ސެޓުންނެވެ.
ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާ ދެކޮޅަށް ރާއްޖޭގެ ސިފައިން ވަނީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗުގެ ފުރަތަމަ ދެ ސެޓުން ހެލްޕް ނޭޕާލް ސްޕޯޓްސް އިން 33-31، އާއި 25-20 އިން ކުރިހޯދާފައިވަނިކޮށް، ސިފައިން ވަނީ ދެން ޖެހިގެންއައި ދެ ސެޓު ގެންގޮސްފައެވެ. އެ ޓީމުން މި ދެ ސެޓު ކާމިޔާބުކުރީ 25-22 އަދި 25-20 އިންނެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކުޅިވަރު ވަޒީރު ރާފިޢު ވާހަކަދައްކަވަނީ. ފޮޓޯ: ކާވާ
މި މެޗުގައި، ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއް ނެތި ނޭޕާލް ޓީމު ކުރިހޯދީ 15-08 އިންނެވެ.
މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ރޭގެ މެޗުގެ ކުރީން ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.
މުޅިއެކު ހަ ޓީމު ވާދަކުރާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 17 އިން 23 ގެ ނިޔަލަށެވެ.
މި މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ؛ ރާއްޖޭގެ އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ، އެޗްޑީސީ އާއި ދިވެހި ސިފައިންގެ ކްލަބުގެ އިތުރުން ކިރްގިސްތާންގެ ބިޝްކެކް، ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އަދި ކަޒަކިސްތާންގެ ޒައިކް އެވެ.