ENGLISH
18 ޖުލައި 2025
ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ، ބޭރަށް ނުފުރާކަން ކަށަވަރު
18 ޖުލައި 2025
|
ގ.ގާރނެޓް، ޙަސަން ޔާމީން
ގެއްލިގެން ހޯދަމުންދާ ޒުވާނާ އަދިވެސް ނުފެންނަ ކަމަށާއި ރާއްޖެއިން ބޭރަށް ނުފުރާކަން ޔަޤީންކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 30 އަހަރުގެ، ގ. ގާރނެޓް، ޙަސަން ޔާމީން އެވެ. އޭނާ އެންމެ ފަހުން ފެނުނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 9:25 ހާއިރު އޭނާ ދިރިއުޅޭ ގެއިން ނުކުތް ވަގުތު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވާ ކަމަށް ޢާއިލާ އިން ބުންޏެވެ.
ޔާމީންގެ ޚަބަރެއް ނުވެގެން އެކަން ޢާއިލާ އިން ފުލުހުންގެ ސަމާލު ކަަމަށް ގެނައީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފްޓޭޖް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޢާއިލާގެ އެއްބާރުލުމާ އެކު އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
ނަމަވެސް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ ޢަމަލެއް ހިންގާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނެތް ކަމަށެވެ. އަދި އެޕާޓްމަންޓަށް އެއްވެސް ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ.
އޭގެ އިތުރުން ތަޙުޤީޤަަށް ވަނީ ހަސަން ޔާމީން ޤައުމުން ބޭރަށް ގޮސްފައިނުވާކަން ކަމާގުޅުން ހުރި އިދާރާތަކުން ކަށަވަރު ކޮށްދީފައި ކަމަށް ވެސް ބުންޏެވެ.
ޔާމީން ހޯދުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މެދުނުކެނޑި ކުރަމުންދާ ކަމަށާއި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ހޮޓްލައިން 3322111 ނުވަތަ ހެންވޭރު ޕޮލިސް 9400053 އަށް ގުޅާ ޙިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.