ENGLISH

18 ޖުލައި 2025

Advertisement

ޓްރަމްޕްގެ އަތްޕުޅު ނޫފައިގެންފައި ހުންނަނީ ނާރުގެ އާލާސްކަންފުޅެއްގެ ސަބަބުން

18 ޖުލައި 2025

|

ހަސަން އާމިރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަތްޕުޅުގައި ތަންތަންގަނޑު ނޫފައިގެންފައި ހުންނަކަން ފާހަގަވެގެން އުފައްދަމުންދާ ސުވާލުތަކާ ގުޅިގެން، އެކަން މެދުވެރިވަނީ ނާރުގެ އާލާސްކަންފުޅެއްގެ ސަބަބުން ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.

ދާދި ފަހުން ފައިންޕުޅު ދުޅަވާން ފެށުމުން ޓްރަމްޕް ވަނީ ނާރުގެ ޓެސްޓުތައް ވެސް ހިމެނޭ ގޮތަށް، ފުރިހަމަ ތަހުލީލުތައް ކޮށްފައިކަމަށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވިއެވެ.

ލީވިޓް ވިދާޅުވި ގޮތުގައި، ބޭސް ފަރިއްކުޅުއްވަމުން، މާ ގިނައިން ސަލާމް ކުރެއްވުމުގެ ސަބަބުން އަތްޕުޅުގައި ތަންތަން ނޫފައިގަތުމަކީ އާންމު ކަމެއް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އުމުރުފުޅުން 79 އަހަރުގެ ޓްރަމްޕް ވަނީ، އެ މަނިކުފާނަކީ ދުނިޔޭގެ ތާރީޚުގައި ސިއްޙަތު އެންމެ ރަނގަޅު ރައީސްގެ ގޮތުގައި އެކި ފަހަރުމަތިން އަމިއްލަފުޅަށް ސިފަކުރައްވައިފައެވެ.

ޓްރަމްޕްގެ ފައިންޕުޅު ދުޅަވަނީ، ނާރުގެ އާލާސްކަންފުޅެއްގެ ސަބަބުން، ފައިންޕުޅުގެ ނާރުތަކުން ހިތްޕުޅާ ހަމައަށް ލޭ ދައުރުނުވާތީ، ފައިޕުޅުގައި ލޭ ގަނޑުވާތީއެވެ.

ލީވިޓް ވިދާޅުވީ، ނާރުތައް ފިތި ނޫނީ ހިތުގެ އާލާސްކަންފުޅެއް ފަދަ ނުރައްކަލެއް އެ ތަހުލީލުތަކުން ނުދައްކާ ކަމަށެވެ.

އަދި ޖުމްލަ ގޮތެއްގައި ޓްރަމްޕްގެ ސިއްޙީ ހާލުކޮޅު ވަރަށް ރަނގަޅުކަމަށް ޑޮކްޓަރުންނާ ޙަވާލާ ދެއްވައި އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު