ENGLISH

16 ޖުލައި 2025

Advertisement

ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، ސިފައިން ތަށި މިލްކުކޮށްފި

15 ޖުލައި 2025

|

މުޙައްމަދު އަދުހަމް

ޤައުމީ މުބާރާތުގެ ޗެމްޕިއަން ޓީމަށް، ޝަރަފުވެރި މެހެމާން ކުޅިވަރު ވަޒީރު ރާފިޢު ޓްރޮފީ ހަވާލުކޮށްދެއްވަނީ. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ކްލަބް އެޗްޑީސީ ބަލިކޮށް، ދިވެހި ސިފައިންގެ ކްލަބުން އެ މުބާރާތް ފުރަތަމަ ފަހަރަށް މިލްކު ކޮށްފިއެވެ.

މީގެއިތުރުން، ދިވެހި ސިފައިންގެ ކްލަބުން ވަނީ މި ފަހަރުގެ ވޮލީ ސީޒަނުގެ ހުރިހާ ތަށްޓެއް ހޯދައި، ދެވަނަ ފަހަރަށް އެ ރެކޯޑް ޤާއިމުކޮށްފައެވެ. މީގެކުރީން، 2010 ވަނަ އަހަރު ވެސް އެ ޓީމުން ވަނީ ވޮލީ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ރޭގެ މެޗުގެ ސެޓުތައް ސިފައިން ގެންދިޔައީ 25-21، 25-14 އަދި 26-24 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ، ޗިރާގް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެއްޔާއި، ސެޓްފިކެޓާއި ޓްރޮފީ ހަވާލުކޮށްދެއްވީ، ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، ޤައުމީ މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ؛ ސިފައިންގެ ޓީމުގެ ހުސައިން ރަޒާން އާއި ހުސެއިން ޝާހިދު އަދި އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އެވެ.

އެންމެ މޮޅު ތިން ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ؛ ސިފައިންގެ ޓީމުގެ ޗިރާގް އާއި ލުއިޒް އަދި އެޗްޑީސީގެ ގިރާލްޑޯ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ، ސިފައިންގެ ޓީމުގެ ޖުނައިދު ޢަބްދުﷲ އެވެ.

ކިޔުންތެރިންގެ ހިޔާލު