ENGLISH
16 ޖުލައި 2025
ރާއްޖޭގެ ސަރފިންގ ޓީމު ސަރަހައްދީ މުބާރާތަކަށް
15 ޖުލައި 2025
|
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ޓީމާއި (ކ) އާއި ޖޫނިއާ ކުޅުންތެރިން. ފޮޓޯ: އެމްއެސްއޭ
އަންނަ މަހު އިންޑިއާގައި ބާއްވާ އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިރާއްޖޭގެ ސަރފިންގ ޓީމުގެ ތައްޔާރީތައް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން ބުނެފިއެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ މަހާބާލިޕުރަމްގެ ޝޯރ ޓެމްޕަލް ސަރފް ބްރޭކުގައި އަންނަ އޮގަސްޓް މަހުގެ 3 އިން 12 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސަރފިންގ ޗެމްޕިއަންޝިޕްގެ ކުރީން ރާއްޖޭގެ ޓީމުން އެ ތަނުގައި ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެސްއޭ އިން ބުނެއެވެ.
އެގޮތުން، މުބާރާތުގެ ކުރީން، މި މަހުގެ 29 އިން އޮގަސްޓް 2 ގެ ނިޔަލަށް ސަރަހައްދީ ސަރފިންގ މުބާރާތް ބާއްވާ ތަނުގައި ރާއްޖޭ ޓީމުގެ ތަމްރީންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު، ކުޅުންތެރިންނަށް މުބާރާތުގައި ކުރިމަތިލާންޖެހޭ ޙާލަތްތަކަށް ފުރިހަމަ އަށް ތައްޔާރުވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕަށް ޤައުމީ ސީނިއާ ސްކޮޑް އެކުލަވާލުމުގެ ޓްރަޔަލްސްތައް މިދިޔަ މަހު ބާއްވައި، އެކުލަވާލި ޓީމުގައި ހިމެނެނީ؛ އަހުމަދު އާގިލް (އައްމަޑޭ)، އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ހޫދު އަހުމަދު (ހޫބްސް) އެވެ.
މުބާރާތުގެ ޓްރަޔަލަސްގައި ވާދަކުރި ރާއްޖޭގެ ޖޫނިއާ ކުޅުންތެރިންނާއެކު ކޯޗު، އިބޫ (ވ) ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއެސްއޭ
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޖޫނިއާ ޓީމުގެ ސްކޮޑު ފައިނަލް ކުރުމަށް ބޭއްވީ ޓްރަޔަލްސް އަށް ފަހު، ޓީމުން ޖާގަ ހޯދީ ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ.
ރާއްޖޭގެ ސަރފިންގ ޓީމުގެ ކޯޗަކީ ކުރީގެ ޤައުމީ ޗެމްޕިއަނެއް ކަމަށްވާ، ޙުސައިން ޢަރީފް (އިބޫ) އެވެ.
މިދިޔަ ދެ އަހަރު އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވިއިރު، އެ ދެ ފަހަރުވެސް ރާއްޖޭން ލޯ މެޑެލް ހާސިލްކުރިއެވެ. އަދި، މިދިޔަ އަހަރު ޖޫނިއާ ބައިގައި ރާއްޖޭގެ ކަޔާން ޒަކީ ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
އޭޝިއަން ސަރފިންގ ފެޑެރޭޝަން (އޭއެސްއެފް) އާއި ސަރފިންގ ފެޑެރޭޝަން އޮފް އިންޑިއާ (އެސްއެފްއައި) އިން އިންތިޒާމްކޮށްގެން ޓަމިލްނާޑޫ ސަރފިންގ އެސޯސިއޭޝަނާއި ސަރފް ޓަރފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުބާރާތުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ، ޓަމިލްނާޑޫ ފުލުހުންނާއި އިންޑިއާ ކޯސްޓް ގާޑުންނެވެ.