ENGLISH
10 މޭ 2025
ބޭންކް އޮފް މޯލްޑިވްސް އިން ކިޔަވާ ކުދިންނަށް ޑެބިޓް ކާޑެއް ތައާރަފްކޮށްފި
10 މޭ 2025
|
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ފުރަތަމަ ބީއެމްއެލް ސްޓޫޑަންޓް ޑެބިޓް ކާޑު ތަޢާރަފުކޮށްފިއެވެ.
މި ކާޑު ތައާރަފްކޮށްފައި ވަނީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.
ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ މި ކާޑު ހަތް އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ އެވެ. ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެއެވެ. މި ކާޑާއެކު ދަރިވަރުންނަށް ޅަފަތުގައި މުހިންމު މާލީ އާދަތައް ދަސްކޮށްދެވޭނެއެވެ.
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި މިކާޑުން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭނެއެވެ. ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެއެވެ. މީގެ ސަބަބުން ޚަރަދުކުރަމުން ދާއިރުވެސް ހަރުދަނާ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އަނެއްކާވެސް ރާއްޖެއަށް މުޅިން އަލަށް ޚިދުމަތެއް ތައާރަފްކުރެވުމަކީ ބީއެމްއެލްއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.
"ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް. ދަރިވަރުންގެ މެދުގައި ޅަފަތުގައި ފައިނޭންޝަލް ލިޓްރަސީ އަށަގަނުވައި، އަޅުގަނޑުމެންގެ އަމާޒަކީ މާލީ ޚިދުމަތްތަކާމެދު މައުލޫމާތު މުއްސަނދި ޖީލެއް ބިނާކުރުން،" ޝަރީފް ވިދާޅުވިއެވެ.
ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެއެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެއެވެ. ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓަރކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެއެވެ.
ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލް އިން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފްކުރަމުންނެވެ.