ENGLISH

21 މޭ 2026

Advertisement

އަޕްގްރޭޑެއް ކުރުމަށް ހޮނިހިރު ދުވަހުގެ ފަތިހު ހުޅުމާލޭގެ އިންޖީނު ނިއްވާލާނެ

21 މޭ 2026

|

ހަނާން އަހުމަދު ނައީމް

ސްޓެލްކޯގެ މައި އިދާރާ

ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމަށް ހޮނިހިރު ދުވަހު ފަތިހު އިންޖީނު ނިއްވާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނުގައި ވަނީ، އެ ކުންފުނިން މާލެ ސަރަަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުުރަށް ހަރުދަނާކޮށް، މެދުކެނޑުމެއްނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ.

މި މަސައްކަތް ފުރިހަމަ ކުރުމަށްޓަކައި ހުޅުމާލޭ އިންޖީނު ނިއްވާލުމަށް ތާވަލްކޮށްފައިވާނީ ހޮނިހިރު ދުވަހު ފަތިހު 03:00 ފެށިގެން ހެނދުނު 08:00 އާ ހަމައަށެވެ. 

ސްޓެލްކޯއިން ބުނީ، ކަނޑައެޅިފައިވާ ވަގުތަށްވުރެ އަވަހަށް މަސައްކަތް ނިންމައި ވީއެންމެ އަވަހަށް ހިދުމަތް އާންމު ހާލަތަށް ގެނެސްދިނުމަކީ އެ ކުންފުނީގެ އަމާޒު ކަމަށެވެ.

ސްޓެލްކޯ އިން ބުނީ، ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓް އިންޖީނުގޭގެ ޕަވަރ ސިސްތަމަށް ކޮންމެހެން ގެންނަންޖެހޭ މުހިންމު އަޕްގްރޭޑެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

ސްޓެލްކޯ އިން ބުނީ، މި އަޕްގްރޭޑާއެކު އެ އިންޖީނުގެއަށް އިތުރު ޖަނަރޭޝަން ފީޑް ކުރުމަށް ފުރުސަތު ހުޅުވި، މާލެ ސަރަހައްދުގެ ކަރަންޓުގެ ވިއުގައިގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި މި މަސައްކަތަކީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު އިތުރަށް ފުރިހަމަކުރުމަށްޓަކައި ކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު