ENGLISH
21 މޭ 2026
އޭޕްރީލް މަހު އިޖުތިމާއީ ދާއިރާގެ 330 މައްސަލަ، އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް
21 މޭ 2026
|
ކުޑަކުދިންނަށް ކުރާ އަނިޔާއަށް ނޫނެކޭ ބުނުން-- ފޮޓޯ: ޑޮމެސްޓިކް ޝެލްޓާސް
އެންމެ މަޤްބޫލު
އޭޕްރީލް މަހު އިޖުތިމާއީ ދާއިރާގެ 330 މައްސަލައެއް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ 133 މައްސަލައެއް ހުށަހަޅާފައިވާ އިރު، އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަ އެވެ. އެގޮތުން މިބާވަތުގެ 36 މައްސަލަ އޭޕްރީލް މަހު ހުށަހެޅުނުއިރު އެއިން 20 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅޭ މައްސަލަ އެވެ. ބާކީ 16 މައްސަލައަކީ އަންހެން ކުދިންނާ ގުޅުންހުރި މައްސަލަ އެވެ.
ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ނަފްސާނީ އަނިޔާގެ މައްސަލަތެކެވެ. މިބާވަތުގެ 24 މައްސަލަ ހުށަހެޅުނުއިރު އޭގެ ތެރޭގައި 17 އަންހެން ކުދިންނާ ގުޅުންހުރި މައްސަލައާއި ފިރިހެން ކުދިންނާ ގުޅޭ ފަސް މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އޭޕްރީލް މަހުގައި ޖިންސީ ހާނިއްކައިގެ 18 މައްސަލަ އަދި ގެވެށި އަނިޔާގެ އަމަލެއް ހިންގާތަން ކުޑަކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 22 މައްސަލަ ހުށަހެޅިފައިވެ އެވެ. މީގެ އިތުރުން ގަނާ ކުރުމުގެ ޝިކާރައަކަށްވުމުގެ ހަތް މައްސަލައާއި ބްލެކްމެއިލްކުރުމުގެ ދެ މައްސަލަވެސް ހުށަހަޅާފައިވެ އެވެ.
ކުޑަކުދިންނަށް އަނިޔާކުރާ މައްސަލަތަކުގެ ތެރެއިން 56 މައްސަލައަކީ ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލަ އެވެ. ބާކީ 77 މައްސަލައަކީ އަންހެންކުދިންނާ ގުޅުންހުރި މައްސަލަ އެވެ.
ކުޑަކުދިންގެ އަހުލާގީ މައްސަލަތަކުގެ ގޮތުގައި 15 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ، ރުޅި އިސްކުރުމުގެ މައްސަލަ އެވެ. ސްކޫލަށް ދާން ބޭނުންނުވުމުގެ ތިން މައްސަލައެއްވެސް ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލައެއްގެ އިތުރުން އެހެނިހެން ހަތަރު މައްސަލައެއްވެސް ރިޕޯޓްކޮށްފައިވެ އެވެ.
އެ ވުޒާރާއަށް ހުށަހެޅިފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި މިވަގުތު 156 ކުދިން އެބަ ތިއްބެވެ. އެއީ 85 ފިރިހެން ކުދިންނާއި 71 އަންހެން ކުދިންނެވެ.
އެ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 1868 ފަރާތެއް ވަނީ އެހީތެރިކަމަށް ހެލްޕްލައިނަށް ގުޅާފަ އެވެ.
އެ ވުޒާރާއިން އަންނަނީ ކުޑަކުދިންނާ ގުޅޭ ގޮތުން ހުށަހެޅޭ ތަފާތު މައްސަލަތައް ފަރުވާތެރިކަމާއެކު ބަލައި، އެ މައްސަލަތަކުގައި ފިޔަވަޅުއެޅުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.