ENGLISH
21 މޭ 2026
އެންމެ މަޤްބޫލު
އިނގިރޭސި ދެވަނަ ޑިވިޝަނުގެ ތިން ކުލަބަކަށް ޖާސޫސްކުރި ކަމަށް ސައުތެމްޓަނުން އެއްބަސްވުމާއެކު، އެ ޓީމުގެ މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފިއެވެ.
އީއެފްއެލް ޗެމްޕިއަންޝިޕް (އިނގިރޭސި ދެވަނަ ޑިވިޝަން) ގައި ހިމެނޭ ސައުތެމްޓަނުގެ މައްސަލަ މީގެ ކުރިން އިންގްލިޝް ފުޓްބޯލް ލީގު (އީއެފްއެލް) އިން ބަލާފައިވާއިރު، އެ ލީގުން ވަނީ އީއެފްއެލް ޗެމްޕިއަންޝިޕުގެ ޕްލޭއޮފް ފައިނަލް މެޗުން ސައުތެމްޓަން ބޭރުކޮށްފައެވެ.
އީއެފްއެލްއިން މައްސަލަ ބެލުމަށްފަހު ބުނެފައިވަނީ ސައުތެމްޓަނުން އިދިކޮޅު ތިން ޓީމެއްގެ ތަމްރީނުތަކުގައި ޖާސޫސް ކޮށްފައިވާ ކަމަށެވެ. އެގޮތުން ލީގު ސީޒަންގެ ތެރެއިން އޮކްސްފޯޑް ޔުނައިޓެޑާއި، އިޕްސްވިޗް ޓައުންގެ ތަމްރީނުތައް ވީޑިއޯކޮށް ފާރަލާފައިވާއިރު، ޕްލޭއޮފް ސެމީ ފައިނަލް ފުރަތަމަ ލެގުގެ ކުރިން މިޑްލްސްބްރާގެ ތަމްރީނުތަކަށްވެސް ސައުތެމްޓަނުން މީހަކު ފޮނުވައިގެން ވީޑިއޯ ކޮށްފައިވާ ކަމަށެވެ. އެ މީހާގެ ފޮޓޯ ވެސް ވަނީ މީޑިއާގައި އާންމުވެފައެވެ.
ސައުތެމްޓަނުން ދެ ލެގުގެ ސެމީ ފައިނަލް ކާމިޔާބުކޮށް ޕްލޭއޮފް ފައިނަލް މެޗަށް ދިޔަ ނަމަވެސް، އީއެފްއެލްގެ މިނިވަން ކޮމިޝަނަކުން ނިންމާފައި ވަނީ އެ މެޗުގައި ހަލް ސިޓީއާ ދެކޮޅަށް ސައުތެމްޓަނުގެ ބަދަލުގައި ކުޅޭނީ މިޑްލްސްބްރާ ކަމަށެވެ. އަދި އަންނަ ސީޒަނަށް ސައުތެމްޓަނުގެ ހަތަރު ޕޮއިންޓް އުނިކުރަންވެސް ވަނީ ނިންމާފައެވެ.
ސައުތެމްޓަނުން ޖާސޫސްކުރަނިކޮށް އާންމުވި ފޮޓޯ ---
އެ އަދަބު "ޑިސްޕްރޮޕޮޝަނަލް" ކަމަށް ބުނެ ސައުތެމްޓަނުން ކުރި އިސްތިއުނާފު ބާތިލުކުރުމުން، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އެ މައްސަލަ އިސްތިއުނާފު ކުރުމުގެ އިތުރު ހައްގެއް އެ ކުލަބަކަށް ނެތެވެ.
އީއެފްއެލްއިން ސައުތެމްޓަނަށް ފިޔަވަޅު އަޅާފައިވާއިރު، އިނގިރޭސި އެފްއޭއިން މިހާރު ދަނީ ވަކިވަކި ފަރުދުންގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެގޮތުން ޖާސޫސުކުރުމުގައި ބައިވެރިވި ނުވަތަ ހިތްވަރުދިން މުވައްޒަފުންގެ މައްޗަށް ދައުވާ ކުރުމާއި، އެ މީހުނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޖާސޫސްކުރި މައްސަލައިގައި ސައުތެމްޓަނަށް ޕްލޭއޮފް މެޗު ގެއްލުނުއިރު، އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވާނެ އެންމެ ފަހު ޓީމު ކަނޑައަޅަން ކުޅޭ ޕްލޭއޮފް މެޗަކީ ދުނިޔޭގެ ވެސް އެންމެ އަގުހުރި މެޗެވެ. އެ މެޗުގެ ޓީވީ ރައިޓްސްއިން އެކަނިވެސް މޮޅުވާ ޓީމަށް ގާތްގަނޑަކަށް 110 މިލިޔަން ޕައުންޑް ލިބެއެވެ.